ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު ފޮރިން އިންވެސްޓްމަންޓްތަކެއް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް ޚާއްސަ އިންވެސްޓްމަންޓް ފޯރަމްތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ޑުބާއި، ސިންގަޕޯ އަދި ތައިލެންޑްގައިވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްޞަ އިންވެސްޓަރ ފޯރަމްތަކެއް ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިފަދަ ފޯރަމްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ހަނި ރައްތަކުގައި އެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ. މީގެ އިތުރުން ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގައި ހުރި ދަތިތައް ދެނެގަނެ، ޤާނޫނީ އޮނިގަނޑަށް އިސްލާހުގެންނަން ޖެހިއްޖެ ހާލަތެއްގައި އެ އިސްލާހުތައްވެސް ގެނައުމާއެކު ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރަން ފަސޭހަ މަންޒިލަކަށް ހަދާނެކަމުގެ ޔަޤީންކަން ފައިސަލް ދެއްވިއެވެ.
ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުހެދި، މަސައްކަތް ހުއްޓިފައިވާ ރަށްރަށުގެ މަސައްކަތް ނިންމުމަށް މި 5 އަހަރު ތެރޭ ޚާއްސަ އިސްކަމެއް ދެވިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ފޯކަސް ހުރީ މިފަދަ ރަށްތަކަށް އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެ ކަންތައްތަކަށް ހައްލެއް ހޯދައިގެން، ސަރުކާރާއި އެފަރާތްތަކާ މަޝްވަރާކޮށްގެން ރަށްތައް އަލުން މާކެޓަށް ނެރުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓިފައިވާ ރަށްރަށުގެ ދަފްތަރެއްވެސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައެވެ. މި ދަފްތަރުގައި މިހާރު 63 ރަށެއް ހިމެނޭއިރު މީގެ ތެރެއިން ބައެއް ރަށްރަށަކީ މީގެ 20 ނުވަތަ 15 އަހަރު ކުރިން ދޫކޮށްފައިވާ ރަށްތައް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވަޢުދުތަކުގެ ތެރެއިން ފެށިގެން އައި މި މަސައްކަތް 5 އަހަރު ތެރޭގައި ނިންމުމަކީ ޓޫރިޒަމް މިނިސްޓްރީން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ގެންގުޅުއްވާ ތަޞައްވުރާގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައިސަލް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ ރިސޯޓުތަކުގެ މެޖޯރިޓީ ޖެނެރަލް މެނޭޖަރުންނަކީ ދިވެހިން ކަމުގައިވާ ދުވަސް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވަނީ ސަރުކާރުން ދިވެހި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް ތަފާތު ސްކޮލަރޝިޕްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހޯދަވައިދެއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ފައިސަލް ފާހަގަކުރެއްވިއެވެ.



