ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާ އަދި ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޝަހީބާ މުޙައްމަދު ނިޔާވުމުގެ ހިތާމައިގައި މަރުޙޫމާގެ ޢާއިލާއަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޢިއްޒު ޝަހީބާގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ ޝަހީބާގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ، މަރުހޫމާ ޝަހީބާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާކުރައްވާފައެވެ.
17 ޖޫން 1962 ވަނަ އަހަރު ޝަހީބާ ދައުލަތަށް ޚިދުމަތް ކޮށްދޭން ފެއްޓެވީ ޕޯސްޓް އޮފީހުގެ ވަގުތީ ކާތިބެއްގެ ވަޒީފާއިންނެވެ. މީގެ އިތުރުން ސައިންސް އެޑިއުކޭޝަން ސެންޓަރުގެ އިދާރީ މަޤާމުތަކުގައި ޝަހީބާ 20 އަހަރަށް ވުރެ ގިނަދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ސީނިއާ ސެކްރެޓަރީގެ މަޤާމާއި، އިދާރީ އެކި މަޤާމުތަކުގައި 9 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. އެގޮތުން އެކަމަނާ ދައުތަލަށް 44 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވެއެވެ.
ޝަހީބާއަށް ޤައުމީ އިނާމު ދެއްވާފައިވަނީ މިއަހަރުގެ މިނިވަންދުވަހުގެ ޖަލްސާގައެވެ.
ގ.ގްރޭވިއުގޭ ޝަހީބާ ނިޔާވިއިރު އޭނާގެ އުމުރުފުޅަކީ 77 އަހަރެވެ. މަރުޙޫމާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ ފަތިސްނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.



