ހުޅުމާލޭ ވެހިކަލެއް ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީ މަގުމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، އެއީ ބިދޭސީ ފިރިހެނެއް ކަމަށެވެ. މިމައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ
މައުލޫމާތު ލިބޭ ގޮތުގައިި އެމީހާ ފެނިފައިވަނީ ސަހަރާއާއި ދިމާލުން ޕާކުކޮށްފައި އޮއް ނޫ ކުލައިގެ ވޭނެއްގެ ތެރެއިންނެވެ.
މިއަދުގެ ވަގުތެއްގައި ހުޅުމާލޭގައި ވެހިކަލެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު މާލޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ވެސް ނިޔާވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ އެޕާޓްމެންޓެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.



