ކޭޕޮޕްގެ މަޝްހޫރު ބޭންޑު ބީޓީއެސްގެ މެމްބަރު ޖިން މިއަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ އަލްބަމަށް ބޭންޑުގެ އެހެން މެމްބަރުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔާފިއެވެ.
ޖިން މަސައްކަތް ކުރަމުންދާ ކޮމްޕެނީ ބިގްހިޓް މިއުޒިކުން ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖިންގެ ސޯލޯ އަލްބަމްއެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިއުލާން ކޮށްފައެވެ. މި އަލްބަމަށް ޓަކައި ޖިން މިހާރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، ސަޕޯޓަރުން ނުވަތަ "އާމީ" އިން މި އަލްބަމަށް ވަރަށް ބޮޑު ތަރުހީބެއް ދިނުމަށް އެދިފައިވެއެވެ.
އަލްބަމްގައި ހިމެނޭ "އައި ވިލް ބީ ދެއަރ" ލަވަ ނެރުމުން، ބާކީ ތިބި މެންބަރުން ވަނީ ޖިންއަށް މަރުޙަބާ ކިޔައި، އެމީހުންގެ ތަރުހީބު އެ ލަވައަށާއި އަލްބަމަށް ދޭނެކަމަށް ބުނެ ޕޯސްޓުކޮށްފައެވެ. މިލިޓަރީގެ ޚިދުމަތުގައި ބުރަކޮށް އުޅުމުން ވެސް ޖިމިން އަދި އާރްއެމް ވަނީ ވަކިން ޚާއްޞަކޮށް އެމީހުންގެ ތަރުހީބު ޖިންއަށް އޮތްކަން ހާމަކޮށްފައެވެ. އަދި ދާދިފަހުން ހިދުމަތް ފުރިހަމަކޮށްފައިވާ ޖޭހޯޕް ވެސް ވަނީ އޭނާގެ ތަރުހީބު އޮތްކަން ހާމަކޮށް އިންސްޓަގުރާމުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

ފޮޓޯ: ބީޓީއެސް މެންބަރު ޖޭހޯޕް އިންސްޓަގުރާމު ޕޯސްޓު
މި އަހަރުގެ ޖޫން މަހުގައި އަސްކަރީ ޚިދުމަތް ފުރިހަމަ ކުރުމަށްފަހު އެނބުރި އައި ޖިން އަންނަނީ ހުއްޓުމެއްނެތި ބީޓީއެސްގެ ފޭނުން އުފާ ކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ މިހާރު "ރަން ޖިން" ގެ ނަމުގައި ޝޯއެއް ކުރިއަށް ގެންދާއިރު، އެހެނިހެން ވެރައިޓީ ޝޯތަކުން ވެސް ފެނިގެން ގޮސްފައިވެއެވެ.



