ޖަޕާނުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްތަކަކީ ޖަޕާނު ސަރުކާރުގެ ޚަރަދުގައި އެ ޤައުމުގައި ހުރެގެން ކިޔެވޭ ސްކޮލަރޝިޕްތަކެއް ކަމަށެވެ. އެގޮތުން ރިސާޗް ކިޔަވާ ދަރިވަރުންނާއި ސްޕެޝަލައިޒްޑް ޓްރެއިނިންގެ ދަރިވަރުން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާޞިލުކުރަމުން އަންނަ ދަރިވަރުންނަށް ޚާއްސަ ކޯސްތަކަކަށް ވަނީ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައެވެ.
ރިސާޗް ކިޔަވާ ދަރިވަރުން ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މި މަހުގެ 27 ވަނަ ދުވަހު ހަމަވާއިރު، ސްޕެޝަލައިޒްޑް ޓްރެއިނިންގެ ދަރިވަރުންނަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާޞިލުކުރަމުން އަންނަ ދަރިވަރުން ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހަމަވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްތަކާ ގުޅޭ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3026941 ނުވަތަ 3026947 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.



