މާބަނޑު އަންހެނަކަށް އޭނާގެ އާއިލާއިން އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އެ މައްސަލަ ފެންމަތިވެފައިވަނީ އަނިޔާ ލިބޭ އަންހެން މީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ. އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ އާއިލާގެ ފަރާތުން އަނިޔާލިބެމުން އަންނަ ކަމަށާއި، ކެތް ނުވެގެން އެންމެ ފަހުން ފޭސްބުކްގައި ޙިއްސާކުރީ ކަމަށެވެ. އެގޮތުން އޭނާއަށް ލިބިފައިހުރި ބައެއް އަނިޔާތަކުގެ ފޮޓޯތައްވެސް ޙިއްސާކޮށް ފޭސްބުކް ޕޯސްޓުގައި ލިޔެފައިވަނީ އޭނާ ދެކެ އާއިލާއިން ރުޅި އަންނަކަން އެނގޭ ކަމަށާއި ނަމަވެސް އޭނާއަކީ ބަނޑު ބޮޑު މީހެއް ކަމަށެވެ. އަދި އޭނާގެ ބައްޕައާއި 18 އަހަރު ނުވާ ކޮއްކޮ ހިމެނޭހެން އޭނާގެ ގޭ މީހުން ބަނޑަށާއި ބޮލަށް އަނިޔާ ދޭކަމަށް އޭނާ ލިޔެފައިވެއެވެ.
އޭނާއަށް ލިބެމުން އަންނަ އަނިޔާތަކަށް ފުލުހުންގެ ފަރާތުން އިންސާފެއް ލިބޭނެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭނާއަށް އެހީވުމަށް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.
އެ ޕޯސްޓާ ގުޅޭ ގޮތުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ހާދިސާ ފުލުހުން ތަހުޤީގުކުރަމުން އަންނަ ކަމަށެވެ. އަދި ތަހުޤީގުކުރަމުން އަންނަނީ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރު ނަމަވެސް ފުލުހުންނާއި ކަމާ ގުޅުން ހުރި މުވައްސަސާތަކަށް މައްސަލަތައް ރިޕޯޓު ކުރާ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު ގެވެށި އަނިޔާގެ 219 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ 91 މައްސަލަ ވަނީ ރިޕޯޓު ކޮށްފައެވެ.



