ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަރުޙަބާ ވިދާޅުވެއްޖެއެވެ. މިކަން އެމްއެމްއޭއިން ފާހަގަކުރެއްވީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން ދެއްވި ފަންނީ ލަފާގައެވެ.
އެމްއެމްއޭގެ ފަންނީ ލަފާގައި ބުނީ، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސެވުމަށް މާލީ އެހީ ހޯދުމުގައި ދަތިތައް އިތުރުވެފައިވާ ކަމަށެވެ. އަދި މާލީ އެހީ ނުލިބިއްޖެނަމަ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސެވުމަށް ދަތިވެދާނެތީ، އަހަރުގެ ބާކީ އޮތް މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ސްޓްރީމްލައިންކޮށް، ކުޑަކުރެވޭނެ ގޮތަކަށް ކުރިޔަށް ގެންދެވުމަށް ލަފާ ދީފައިވާކަމަށެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ މުއްދަތުގައި ފައިސާ ޗާޕުނުކޮށް ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސާފައިވާކަމާއި، މިކަން ދެމެހެއްޓުމަކީ އިޤްތިޞާދީ ހަމަޖެހުމާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް މުހިންމު ކަމެކެވެ. އަދި 2024 ވަނަ އަހަ އަހަރުގެ ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ރިކަރަންޓް ޚަރަދުތައް ދަށްކުރުމަށާއި، ކެޕިޓަލް ޚަރަދު ކުރުމުގައި ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދިނުމަށް ލަފާދީފަވެއެވެ.
އެމްއެމްއޭއިން ވަނީ ސަރުކާރުން ޚަރަދު ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމަށް އަޅުއްވަމުން ގެންދަގެންދަވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ ތެރޭގައި ސަރުކާރުން އިޢުލާނުކޮށް، ތަންފީޛުކުރަމުންގެންދަވާ ފިސްކަލް ރިފޯމްގެ މަސައްކަތްތަކާއި، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.
އެމްއެމްއޭއިން އިތުރަށް ފާހަގަކުރީ، ބޭރުގެ ފަރާތްތަކުން މިއަހަރު ހޯދުމަށް ލަފާކުރި މާލީ އެހީ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 2023 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން، ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި އަދި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފަވެއެވެ.
މީގެއިތުރުން، އެމްއެމްއޭއިން ފާހަގަކުރައްވާފައިވާ ގޮތުގައި ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ކަރަންސީ ސްވޮޕް ފެސިލިޓީ އަލުން ގާއިމްކުރެވި، ކުރު މުއްދަތުގައި މި ފެސިލިޓީ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާތީ ޖުމްލަ ރިޒާވް ހިފެހެއްޓުމަށް ފަހިވެފައިވެއެވެ.



