މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދުގައެވެ.
ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރުއެވެ. އަދި އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރ ހަމަދު މުޙައްމަދު އަލްމިންހާލީއެވެ.
މި މަޝްރޫޢުގެ ދަށުން މ. މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމުމަށް 300 ދުވަސް ދީފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި މުޅި މަޝްރޫޢަށް 5.188 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.



