ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ހަ މަސްވެފައިވާއިރު، އެކި ދާއިރާތަކުން އިންޤިލާބީ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވަނީ އެތައް ވައުދެއް ވެވަޑައިގެންފައެވެ. "ހަފްތާ 14"ގެ ވައުދުތަކުގެ ތެރެއިންވެސް މުހިންމު މަސައްކަތްތަކެއް ހާސިލުކޮށްފައިވާއިރު އޭގެ ފަހުންވެސް ރައްޔިތުންނަށް ލުއިފަސޭހަތައް ކޮށްދިނުމުގައި މިސަރުކާރުގެ ސިޔާސަތުތަކުގައި ޞިއްޙީ ދާއިރާ ޚާއްސައެވެ.
އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން ކުރީ ސަރުކާރުން ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަންކަމާއި ކުރީގެ ބައެއް ދެކޮޅު ނުޖެހޭ ސިޔާސަތުތައް މުރާޖައާކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުން
ޞިއްޙީ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖެގައި ތަޢާރަފްކުރުމެވެ. އެގޮތުން ކުއްލި ޙާލަތުގައި އަތޮޅުތެރެއިން ވައިގެ މަގުން މާލެ ގެންނަންޖެހޭ ބަލި މީހުންނާއި، ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ފަރާތްތައް އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް 1 މާޗް 2024 ގައި ވަނީ ފަށާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ DHC-8-200 މަރުކާރުގެ އެއަރ އެމްބިއުލާންސް ހިދުމަތަށް ހާއްސަ ބޯޓުތަކެވެ. 24 ގަޑިއިރު ދެވޭ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ހަމަޖައްސާފައިވާއިރު މި ޚިދުމަތަށް މޯލްޑިވިއަންގެ ސީޕްލޭން ބޭނުންކުރަން ފަށާފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ދެ ބޯޓުވެސް މޯލްޑިވިއަން އިން އޮޕަރޭޓް ކުރާއިރު، އިމަޖެންސީ ހާލަތުގައި ވެސް ބަލި މީހާއަށް ފަރުވާ ދޭން ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ދަތުރުތަކުގައި ޚިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ 15 ޞިއްޙީ ހިދުމަތްތެރިން ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
މީގެ އިތުރުން ހިޔާ ޓަވަރުގައި އުޅޭ ބަލި މީހުން ފަރުވާއަށް ގެންދިއުމުގައި ހުރި ދަތިކަން ފަސޭހަކުރުމަށްޓަކައި ވެސް މި ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެޗްޑީސީން ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުން
މި ސަރުކާރުގެ ވައުދުތައް ބައްޓަންކޮށްފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ޞިއްޙީ ފަރުވާތައް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމަށެވެ. އެގޮތުން މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފަށާފައެވެ.
ލެބޯޓްރީ ޤާއިމްކޮށްފައި ނުވާ 76 ރަށަށް ލެބޯޓްރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މެޝިންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ހެލްތު މިނިސްޓްރީން ބުނީ ނިމިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި މީހުން އާބާދުވެފައިވާ ހުރިހާ ރަށަކުން ލެބޯޓްރީ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން އެ ހޮސްޕިޓަލްތަކުން ނުލިބޭ ޚިދުމަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި އެމްއާރްއައި، ސީޓީ ސްކޭން އަދި ޑައިލިސިސްގެ ޚިދުމަތްވެސް ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ގޮތުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ޕްރޮގްރާމް މިއަހަރު ތެރޭގައި 10 އަތޮޅެއްގައި ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ފުވައްމުލަކުގައެވެ.
ނިމިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ 3 ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ. ނ. މަނަދޫ އަދި މ. މުލީގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ 720 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި ރ. އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ޞިއްޙީ ދާއިރާއަށް މުހިންމު ބިލު އަދި ނިޒާމުތަކެއް
މި އަހަރު މާލެ ސަރަޙައްދުގައި އިތުރު އަރބަން ހެލްތު ސެންޓަރެއް ޤާއިމްކުރުމަށާއި، ޕްރައިމަރީ ހެލްތު ކެއަރ ރިވައިޓަލައިޒޭޝަން ޕްރޮގްރާމް މި އަހަރުގެ ތެރޭގައި 10 އަތޮޅެއްގައި ފެށުމަށް -/68,037,548 ހެލްތު މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށްދެއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް 'ޕްރިވެންޓިވް ހެލްތު ކެއަރ'ގެ ޤާނޫނީ އޮނިގަނޑު އެކަށައެޅުމަށްޓަކައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ހާއްސަ އުސޫލެއްވެސް މި ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ.
މިގޮތުން އާންމު އުސޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިއުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ސިއްހީ ހިދުމަތްތެރިންގެ ތައުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުސޫލުގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ.
އާސަންދައިގެ ދަށުން ޞިއްޙީ ނިޒާމަށް އިންގިލާބީ ކުރިއެރުންތަކެއް ވަނީ ގެނެސްފައި
އާސަންދަ ހިންގުމުގެ ޤަވާއިދު އިސްލާޙު ކުރުމަށްފަހު 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އާސަންދަ ސްކީމްގެ ތެރެއިން ލިބިނުދެވޭ ޚިދުމަތްތަކުގެ ދަށުން އިންފަރޓިލިޓީ އުނިކޮށް، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އިސްތިސްނާ ނުވާނެހެން އާސަންދަ ހިންގުމުގެ ޤަވާއިދު މި ސަރުކާރުން ވަނީ އިސްލާޙުކޮށްފައެވެ. އެގޮތުން ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ތެލެސީމިއާ ބަލި ވާރުތަކުރާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ޑީއެންއޭ ޓެސްޓްވެސް އާސަންދައިގެ ދަށުން ހެދޭނެ އިންތިޒާމް މި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު 10 ކުދިން ފަރުވާއަށް ފޮނުވުމަށް މި ސަރުކާރުން ނިންމާފައިވާއިރު، މިހާތަނަށް 5 ކުއްޖަކު ވަނީ ފޮނުވާފައެވެ. އަދި ދެ ކުއްޖަކު މިހާރު ވަނީ ފަރުވާ ފުރިހަމަވެސް ކޮށްފައެވެ. 5 ކުދިން މިއަހަރުގެ މެދުތެރޭ ފުރާނެ ކަމަށާއި، ބާކީ 5 ކުދިން އަހަރުގެ ފަހުކޮޅު ފޮނުވޭނޭ ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އާސަންދަ ސްކީމްގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައަޅައި ގްރޭޑިންއާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ކަނޑައަޅާ ހޮސްޕިޓަލު ބަދަލުކުރުމަށް ބަލިމީހާ ބޭނުންވާ ޙާލަތުގައި ބަލިމީހާ އަތުން އިތުރު ޚަރަދަކާ ނުލައި ހޮސްޕިޓަލް ބަދަލުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގު ފަހިކޮށްދިނުމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ވަނީ ފަށާފައެވެ. އެގޮތުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އުމުރުން 50 އަހަރުން މައްޗަށް އެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި އުމުރުފުރައަށް ބަހާލައިގެން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ކުރިން، ހުރިހާ ދިވެހި ރައްޔިތުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް
ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ޚިދުމަތްދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސް މުޢިއްޒުގެ މުހިންމު ތަޞައްވުރެކެވެ. އެ ހޮސްޕިޓަލް ތަރައްޤީކުރާނީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއި، އެހެނިހެން ޚިދުމަތްތަކާއެކު ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ހުޅުމާލޭގައި ތަރައްޤީކުރާ އެ ހޮސްޕިޓަލް ވެގެންދާނީ މި ސަރަޙައްދުގައި ތަރައްޤީކުރެވޭ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށް ކަމަށެވެ.
މި ސަރުކާރަށް އިސްރަށްވެހިން ޚާއްސަ
ޑޮކްޓަރަށް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކެއް ޤާއިމްކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި ގޭގައި ތިބެގެން މެމޯ ހެއްދޭ އިންތިޒާމްވެސް މި ސަރުކާރުން ހަމަޖައްސާފައިވާއިރު، ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މި 5 އަހަރުގެ ތެރޭގައި ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙްތިރާމް ހޯދައިދިނުމަށް މަގުފަހިކުރުމާއި އެކަންކަމަށް ބާރު އެޅުމުގެ އިތުރުން އިސްރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ފަރާތްތަކަށް ޚާއްސަކޮށްގެން އިޖްތިމާޢީ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން މި އަހަރުގެ ފެބްރުވަރީ 17 ވަނަ ދުވަހު ވަނީ މާލޭގައި ޤާއިމްކުރި އިސްރަށްވެހިންގެ ނާދީ ހުޅުވާފައެވެ.
ޑޮކްޓަރީ ބޭސް
ފެންވަރު ރަނގަޅު ބޭސް ރާއްޖެ އެތެރެކޮށް ފޯރުކޮށްދިނުމުގެ ގޮތުން އަސާސީ ބޭސް ގަތުމުގައި ބަލްކް ޕްރޮކިއޮމަންޓް ނިޒާމް ފުޅާކުރުމަށާއި އެ ނިޒާމުގެ ތެރެއިން އެސްޓީއޯއިން ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކަކުންނާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާޢިމްކޮށްފައިވާ ބޭސް ފިހާރަތަކުން އެ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމް މި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި އެ ނިޒާމަށް ބޭނުންވާ މިންގަނޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ޤާއިމްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއްގެ މަސައްކަތްވެސް ވަނީ މި ސަރުކާރުން ފައްޓަވާފައިވާފައެވެ.
ނަފްސާނީ ބަލިމަޑުކަމަށް ހެލްޕްލައިނެއް
ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޚާއްސަކޮށް ޒުވާން ކުދިންނާއި އެކި ބަލިތައް ތަޙައްމަލުކުރާ މީހުންގެ މެދުގައި މި ބަލި ބޮޑުކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ނަފްސާނީ ފަރުވާ އެކަށީގެންވާ މިންވަރަށް ނުދޭ ކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ.
ނިމިދޔަ ސަރުކާރުން ވަނީ އައިޖީއެމްއެޗުގައި މެންޓަލް ހެލްތު ކްލިނިކެއްވެސް ހުޅުވާފައެވެ. ނަމަވެސް އެތަނުގައިވެސް އެކަށީގެންވާ ފަރުވާ ނުދެވޭކަމަކީވެސް އާންމު ރައްޔިތުންގެ ޝަކުވާއެކެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކުގައިވާގޮތުން އެޕޮއިންޓްމަންޓް ނަމްބަރު ހޯދުމުގައި ވެސް އެތައް ހަފްތާއެއް ހޭދަވާކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިފަދައިން ފަރުވާ ނުލިބި އަމިއްލަ ނަފްސު އަނިޔާއަށް ހުށަހެޅޭ މީހުން މިހާރު ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. އަދި އެކަމުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި ހުރިކަން ފާހަގަކުރެވެއެވެ.
އެކަންކަން ޙައްލުކުރުމަށްޓަކައި މި ސަރުކާރުން ފުރަތަމަ އަޅާފައިވާ ފިޔަވަޅަކީ ހެލްޕްލައިނެއް ތައާރަފްކުރުމެވެ. އެގޮތުން ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 1677 ނަންބަރުން އެ ޚިދުމަތް ވަނީ ފަށައިފައެވެ. ޚިދުމަތް ފެށިތާ އެއް މަސް ދުވަސް ތެރޭގައި 200 އަށްވުރެ ގިނަ ކޯލް ލިބިފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ އެ ހެލްޕްލައިނުން ހުރިހާ އުމުރަކަށް ނަފްސާނީ އެހީ ދިނުމުގެ އިތުރުން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ގުޅުންހުރި ޚިދުމަތްތަކަށް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ރެފެރަލް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުގައި ޞިއްޙީ ދާއިރާއިން ކުރި ކަމަށް ފާހަގަކުރެވޭ މަސައްކަތަކީ ޞިއްޙީ ދާއިރާގެ މުސާރަ ބޮޑުކުރުމެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ޞިއްޙީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށް އެކަން ޢިއުލާނުކޮށްފައެވެ. ނަމަވެސް ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ބޮޑު ބަދަލުތަކެއް ގެނެވިފައި ނެތްކަން ފާހަގަކުރެވެއެވެ.
ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ މަސައްކަތަށް ބަލާނަމަވެސް، އެއްވެސް ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ ހުޅުވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލ. ގަމުގައި އަޅަން އޭރުގެ ސަރުކާރުން ނިންމި ކެންސަރު ހޮސްޕިޓަލުގެވެސް ޢަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމުގެ ޝަކުވާ އާއްމު ރައްޔިތުން ވަނީ ކޮށްފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ކެންސަރ ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާފައެވެ.
ޞިއްޙީ ދާއިރާގެ އިތުރުންވެސް މިނިވަންކަމާއި ސިޔާދަތާއި، އިސްލާމް ދީނާއި ޤައުމިއްޔަތާއި، ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި، އިޤްތިޞާދީ ދާއިރާއާއި، ކުޅިވަރު އަދި ތަޢުލީމީ ދާއިރާއިންވެސް މުޢިއްޒުގެ ސަރުކާރުގެ 6 މަސް ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ފެށި އިތުރު ކަންކަން ރޭވިގެން އަންނަ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.



