ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އުޅަނދެއް މެދުވެރިކޮށް އޮޅުވާލައިގެން ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައާ ގުޅިގެން، އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ވަޒީފާއިން ވަކިކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވާނެ ކަމަށް ދަހޯކްސްއިން ބުނެފިއެވެ.
ހޯކްސްއިން ބުނީ އެކުންފުންޏަކީ ޣައިރުޤާނޫނީ އެއްވެސް ޢަމަލެއް އެއްވެސް މިންވަރަކަށް ހިންގާ ކުންފުންޏެއް ނޫނެވެ. އެކުންފުންޏަކީ ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމަޔަށް ތަބާވާ ކުންފުންޏެއް ކަމަށް ހޯކްސް އިން ބުނެއެވެ.

25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު 11:00 ހާއިރު، ތިލަފުށީގައި ޤާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ވަދެ ތަޙުޤީޤެއް ހިންގަން ފެށުމާއެކު ހޯކްސް ކުންފުނީގެ މެނޭޖްމަންޓުން އެކަން ވަގުތުން ސީރިއަސް ކަމާއެކު ތަޙުޤީޤު ކުރަން ފެށީ ހޯކްސްގެ މުދާތައް ބޭނުންކޮށްގެން ޤަވާޢިދާއި ޚިލާފަށް އެކުންފުނީގެ މުވައްޒަފުން ކަންތަކެއް ކޮށްފައިވާކަން ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެނގުމުން ކަމަށާއި، އެހާހިސާބުން ކެމެރާތައް ބަލައި ވަރަށް ރަނގަޅަށް އެމައްސަލަ ތަޙުޤީޤު ކުރުމަށް އެތެރޭގެ ޚާއްޞަ ތަޙުޤީޤީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ހޯކްސް އިން ބުންޏެވެ.
ހޯކްސްއިން ވަނީ މިކަމުގައި ކަން ހިނގިގޮތް އެނގިފައިވާ މިންވަރު ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ނޫސްބަޔާނެއްވެސް މިހާރު ނެރެފައެވެ.
އެ ބަޔާޏުގައި ވާގޮތުން އެކުންފުނިން ކުރި އެތެރޭގެ ތަޙުޤީޤުގައި ކެމެރާ ފުޓޭޖްތައް ބެލިބެލުމުން، ކުންފުނީގެ ބައެއް މުވައްޒަފުން ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ މަންފާއަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން ތުހުމަތުކުރެވޭ މުވައްޒަފުން ވަނީ ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަޙުޤީޤީ އިދާރާތަކަށް ރިޕޯޓުކޮށްފައެވެ.



