ހުޅުމާލެ ދެވަނަ ފޭސްގެ ބީޗް ސަރަޙައްދުގައި ޖަހާފައި ހުރި ހަޓުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ދެވަނަ ފޭސްގެ ރުއްގަނޑު 3ގެ ބީޗް ސަރަޙައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތައް 30 މެއި 2024 ގެ ކުރިން ނަގާ ސާފުކުރުމަށް އަންގާފައެވެ.
މި މަހުގެ ނިޔަލަށް އެ ސަރަޙައްދުގައި ހުރި ހަޓުތައް ނުނަގައިފިނަމަ އެޗްޑީސީން އެތަން ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އެތަން ސާފުކުރުމުގެ ތެރޭގައި އަމިއްލަ ފަރާތެއްގެ މުދަލަކަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.
ހިޔާ ފްލެޓާއި އިންވެގެން އޮންނަ އެ ސަރަޙައްދުގައި ދިވެހިން އަންނަނީ ކުދި ވިޔަފާރިތައް ކުރަމުންނެވެ.



