ސޮނީ ޓީވީގެ މަޝްހޫރު ޝޯ "ސީ.އައި.ޑީ" ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެނބުރި އަންނަ ކަމުގެ ޚަބަރު ލިބި، އޭގެ ޕްރޮމޯ ދައްކާލުމުން ގިނަ ފޭނުންތަކަކަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.
ސޮނީ ޓީވީގެ ރަސްމީ އިންސްޓަގުރާމް އެކައުންޓުގައި ޝެއަރކޮށްފައިވާ ޕްރޮމޯ ވީޑިއޯގައި ދައްކާލާފައިވަނީ އަބީޖީތާއި ދަޔާ ވިއްސާރައިގެ ތެރޭގައި އެކަކު އަނެކަކަށް ބަޑި ޖަހަން ތައްޔާރުވެފައި ތިބޭ މަންޒަރެވެ. މި މަންޒަރާއެކު އަޑުއިވިގެންދަނީ "ޤައުމަށްޓަކައި ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް ތިބޭ ބަޔަކު މިއަދު ދުޝްމަނުންގެ ގޮތުގައި ތިބީ ކީއްވެތޯ" މިފަދައިންނެވެ. ޕްރޮމޯގެ ނިމުމުގައި އޭސީޕީ ޕްރައްދިޔުމަންނު އައިސް މަޑުކޮށްލުމަށް އެދުމުން ދަޔާ ބިންމައްޗަށް ވެއްޓި، އަބީޖީތް އެތަނުން ދުރަށްދާ މަންޒަރު ދައްކާލާފައިވެއެވެ.
މި ކުރު ޕްރޮމޯ ފެނުމާއެކު ގިނަ ފޭނުންތަކެއް ވަނީ ޝޯގެ ކުރިއަށް އޮތް ސީޒަނަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. ފޭނުން މިހާރު ތިބީ ދެން ވާނީ ކިހިނެއްތޯ ބެލުމަށް ކެތްމަދުވެފައެވެ.
ކުރީގެ ސީޒަންތަކެކޭ އެއްފަދައިން، މި އައު ސީޒަނުގައިވެސް ފެނިގެންދާނީ ޝިވާޖީ ސަތަމް، ދަޔަނަންދު ޝެޓީ އަދި އަދިތިޔާ ސްރިވަސްތާވް ފަދަ މަޝްހޫރު ތަރިންނެވެ. މި ތިން ތަރިންނާއެކު 1998 ގެ ޖެނުއަރީ 21 އިން ފެށިގެން ގެނެސްދެމުން އައި "ސީ.އައި.ޑީ" ނިމުމަކަށް އައީ 2018 ގެ އޮކްޓޯބަރު 27 ގައެވެ.
"ސީ.އައި.ޑީ" އަކީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލު ސިލްސިލާއެކެވެ. މި ސިލްސިލާ ދެއްކި 20 އަހަރުގެ މުއްދަތުގައި ޖުމްލަ 1,547 އެޕިސޯޑް ގެނެސްދީފައިވެއެވެ. ކޮންމެ އެޕިސޯޑެއްގައިވެސް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ހުންނަނީ މަރުތަކުގެ ޙަޤީޤަތް ހޯދުމަށް ސީ.އައި.ޑީގެ އޮފިސަރުން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
ހަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު "ސީ.އައި.ޑީ" އަލުން އެނބުރި އަންނަ ކަމުގެ މި ޚަބަރުން ގިނަ ފޭނުންތަކެއް ވަނީ އުފާޅުކޮށްފައެވެ. އަދި ޕްރޮމޯގައި ދައްކާލާފައިވާ ކުރު މަންޒަރުތަކުން ޝޯގެ ކުރިއަށް އޮތް ސީޒަން އެކްސައިޓިންގ ވާނެކަމުގެ އުންމީދު ފޭނުންނަށް ލިބިފައިވެއެވެ.



