މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖާ ދާ ޙައްޖާޖީން އުޅޭތަން ވަގުތުން ބެލޭނެ ގޮތް ހެދުމަށް ޓްރެކިންގ ޑިވައިސް އެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޓްރެކިންގ ޑިވައިސްގެ ޒަރިއްޔާއިން، ޙައްޖާޖީން ތިބޭ ތަން ވަގުތުން އެނގޭނެ ކަމަށެވެ. އަދި މަގު އޮޅުން ފަދަ ކަމެއް ޙައްޖާޖީއަކަށް ކުރިމަތިވެއްޖެނަމަ އެ ޑިވައިސް އަށް ފިއްތާލައިގެން އެމީހަކު ގެއްލިފައިވާކަން އެނގޭނެ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ޑިވައިސް ދޭން ނިންމީ ޙައްޖާޖީންގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރަން ކަމަށެވެ.
މީގެ ކުރިން ބައެއް ޙައްޖާޖީން ގެއްލުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް ޙައްޖު ކޯޕަރޭޝަނުން ވަނީ އަމިއްލައަށް ތަންތަނަށް ދާއިރު އެ ކޯޕަރޭޝަނުގެ އިސް މީހުނަށް އެންގުމަށްވެސް އިލްތިމާސްކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރަމުން އަންނައިރު، އެ ކޯޕަރޭޝަނުން މިއަހަރު ވަނީ އެ ކޯޕަރޭޝަނާ ގުޅިގެން އުމްރާއަށް ދާ މީހުން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރުތައް ހައި ސްޕީޑު ރޭލުގައި ކުރަން ފަށާފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މައްކާއިން މަދީނާ އަށް އަދި މަދީނާއިން މައްކާ އަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހައި ސްޕީޑު ރޭލު ބޭނުންކުރަން ފެށީ ޢުމްރާވެރިން މަދީނާ ދަތުރުގައި ތަހައްމަލު ކުރަމުން ދިޔަ ބުރައަށް ލުއިދިނުމުގެ ގޮތުން ކަމަށެވެ.
މައްކާ އާއި މަދީނާއާ ދެމެދު އުމްރާވެރިން ކުރާ ބަސް ދަތުރަކީ 6-8 ގަޑިއިރުގެ ދަތުރުތަކެވެ. ނަމަވެސް ހައި ސްޕީޑް ރޭލުގައި މި ދަތުރަށް ނަގަނީ ކޮޅަކަށް ގާތްގަނޑަކަށް 2 ގަޑިއިރު ނުވަތަ 2 ގަޑިއިރާއި 20 މިނިޓެވެ.



