ރާއްޖޭގެ އިންޑިއާގެ އިންޓަރނޭޝަނަލް ކާޑު ޕޭމަންޓް ނެޓްވޯކް، ރޫޕޭ ބޭނުންކުރެވޭ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގާއި ރޫޕޭ ރަސްމީކޮށް ބޭނުންކުރަން ފެށުމަށްޓަކައި އިންޑިއާއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ރޫޕޭގެ ޚިދުމަތަކީ ރިޒާވް ބޭންކް އޮފް އިންޑިއާއިން އިސްނަގައިގެން ތައާރަފްކުރި ޚިދުމަތެކެވެ. އެ ޚިދުމަތުގެ ޕޭމަންޓުގެ ދަށުން މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެކި ސެގްމަންޓްތަކަށް ޚާއްސަ ކާޑުތައް ވަނީ ތައާރަފްކޮށްފައެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ މަޝްހޫރު ހުރިހާ އީ-ވޮލެޓެއް ރާއްޖެއަށް ތައާރަފްކުރާނެ ކަމަށެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ ގާއިމްކުރުމުގެ ގޮތުން ސަރުކާރުން ގާއިމްކޮށް ތަންފީޒްކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ.



