ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އައު އީޖާދުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ޝިންޑާއޯގައި އޮކްޓޫބަރު 24 އިން 25 އަށް ކުރިއަށްދިޔަ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ދެއްވި ތަޤުރީރުގައެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއް ކަމަށެވެ. މި ފޯރަމުގެ މަޤްޞަދަކީ ކަނޑުގެ ވަސީލަތްތަކުގެ ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށްވާއިރު، މިކަމަކީ ރާއްޖެއަށް ހާސިލްކުރަން އޮތް ލަނޑުދަނޑިއަކަށްވުރެ ބޮޑަށް މިހާރު ކުރަން މަޖުބޫރުވެފައިވާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މަހާއި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެފަދަ ޤައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. މޫސޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރާއި، މަސްވެރިކަމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން އެ ސިނާޢަތަށް ބަރޯސާވާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން މަސްވެރިކަމުގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަންކަމާ ދުރުހެލިވެ، ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތައް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިފަދަ ގޮންޖެހުންތައް ހައްލު ކުރުމަކީ ރާއްޖެއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކަންކަން ހައްލު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ޤައުމުތަކުން ކަނޑައަޅަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު މަސްވެރިކަމުގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމުގައި އައު އީޖާދުތައް މުހިންމު ދައުރެއް އަދާކުރާކަމަށާއި ކަނޑުމަތީގައި ހިންގާ މަސްވެރިކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ޑޭޓާތައް ބޭނުންކޮށްގެން ސިޔާސަތުތައް ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް މަސްވެރިކަމާބެހޭ ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ޗައިނާގައި ކުރިއަށްގެންދިޔަ ފޯރަމުގައި މަސްވެރިކަމާބެހޭ ވަޒީރު ވަނީ ޗައިނާއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްވަރާތައް ތަންފީޛު ކުރުމަށް މިހާރު ޢަމަލީ މަސައްކަތް ކުރެވޭކަންވެސް މަސްވެރިކަމާބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.



