
ނ. މާފަރު އެއާޕޯޓުގެ ބައިނަލްއަޤްވާމީ ދަތުރުތައް ހުޅުވާޅުމާއެކު ޕްރައިވެޓް ޖެޓުތަކުގެ ޢަދަދު އިތުރުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އެ އެއާޕޯޓް ހިންގާ އައިލެންޑު އޭވިއޭޝަނުން ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުތެރޭ އެ އެއާޕޯޓަށް 353 ޕްރައިވެޓް ޖެޓު ޖައްސާފައިވެއެވެ. މިއީ 2022 ވަނަ އަހަރަށްވުރެ 125 އިތުރު ޢަދަދެކެވެ. އަދި 2025ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް 100 ޕްރައިވެޓު ޖެޓު ޖައްސާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިންމާ، ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލާފައިވާއިރު، މި އެއާޕޯޓު ބައިނަލްއަޤްވާމީ ދަތުރުތަކަށް އެންމެ ފުރަތަމަ ހުޅުވާލެވުނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް ރަންވޭ ބޮޑުކުރުމަށްޓަކައި 2023 ވަނަ އަހަރުގެ މެއި މަހު ބައިނަލްއަޤްވާމީ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، މާފަރުގެ އެއާޕޯޓް ރަންވޭ ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ބޮއިން 777 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އެއާޕޯޓު އަލުން ހުޅުވާލާފައިވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށެވެ.
މިވަގުތު އެ އެއާޕޯޓުގައި 13 ބިޒްނަސް ޖެޓް ޕާކު ކުރެވޭ އިރު، މަސައްކަތް ނިމުމުން އެއްފަހަރާ 26 ޖެޓް ޕާކު ކުރެވޭނެ ކަމަށާއި، މި މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ. މީގެއިތުރުން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ދެ ޓެކްސީވޭ ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.



