މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމަށާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް އިތުރު ފުރުޞަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވެއްދުމަށް ފުރުޞަތު ހުޅުވާލަނީ:
- ސަރުކާރު ސްކޫލެއްގެ ފަންޑޭޝަން ސްޓޭޖުގެ ކްލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
- ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
- ޕްރައިވެޓް ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން
- ރާއްޖެއިން ބޭރުގެ ޤައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން
އަތޮޅެ ތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދި 790 ދަރިވަރުންގެ ފޯމު ހުށަހަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަންނަ ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އާ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގައެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ސެޕްޓެމްބަރު 26 ގައި ނިމޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން އަންނަ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ މިއަހަރުގެ އޮކްޓޯބަރު 6 އިން ފެށިގެން 6 މާޗު 2025 ގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ބޮޑުޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ލިބޭނީ 9 މާޗު 2025 އިން ފެށިގެން 3 އޭޕްރީލް 2025 ވަނަ ދުވަހާއި ހަމައަށެވެ.



