ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މަތިންދާބޯޓެއް ކުއްޔަށް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން އިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކުންފުނިން ހޯދަނީ އޭ319 ސީއީއޯ ނުވަތަ އޭ320 ސީއީއޯގެ ބޯޓެއް ކަމަށެވެ. ކުއްޔަށް ނަގަން ބޭނުންވަނީ 3 އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ބޯޓުން ޚިދުމަތްދޭން ފަށަން ބޭނުންކަމަށް މޯލްޑިވިއަން އިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
މޯލްޑިވިއަން އިން މީގެ ކުރިންވެސް ވަނީ ދިގު މުއްދަތަށް ކުއްޔަށް ނަގައިގެން މަތިންދާބޯޓުގެ ޚިދުމަތް ދީފައެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓުތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ އިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ 500-42 މަރުކާގެ ބޯޓެއް ގެނެސްފައެވެ. އެއާއެކު މިހާރު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު-72ގެ ދެ ބޯޓާއި އޭޓީއާރު-42 މަރުކާގެ ބޯޓެއް ހިމެނެއެވެ.
މޯލްޑިވިއަންގެ ހުރިހާ ބޯޓެއް އޭޓީއާރަށް ބަދަލުކުރުމަށް އެ ކުންފުނިން ނިންމާފައިވާއިރު، އެގޮތަށް ނިންމީ ކުރިންސުރެ ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެނަންސްގެ ޚަރަދު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަން އިން ވަނީ އޭޓީއާރް-42-600ގެ އިތުރު ދެ ބޯޓުވެސް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް އެ ދެ ބޯޓު އަދި ރާއްޖެ ގެނެސްފައެއް ނުވެއެވެ.
މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ ބޯޓުތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ އިރު، ބޭރުގެ ދަތުރުތަކަށް ބޭނުންކުރަމުން އަންނަނީ އޭ320ގެ ބޯޓެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.



