5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފިއެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އެ ބަޖެޓުގައިވާ ޖުމްލަ ޢަދަދަކީ 5،119،508،129 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި, މިދިޔަ ސަރުކާރުން ކަމަށާއި އަދި މިއީ ކުރީ ސަރުކާރުގެ ބަޖެޓެއް ކަމަށެވެ.
މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ޤާނޫނުތަކުގައިވާ ގޮތުގެ މަތިން، މިއަހަރަށް ލަފާކުރާ ބަޖެޓް ޚަރަދުކޮށް ނިމުމުގެ ކުރިން ކަމަށްވާއިރު ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅުއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. "މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފާސްކޮށްފައިވަނީ ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގަމުންދިޔަ އިންތިޤާލީ މަރުޙަލާގައި. އަދި މިބަޖެޓް ތައްޔާރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުންކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަހަރު މިހާހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް މިހުށަހަޅަނީ ، މިއަހަރަށް ފާސްކޮށްފައިވާ 49 ބިލިއަން ރުފިޔާގެ ބަޖެޓް ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތަށް ކުރިޔަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި"
މިނިސްޓަރު މޫސާ ޒަމީރް ވިދާޅުވީ ސެެޕްޓެމްބަރުގެ ނިޔަލަށް ހަރަދު ކުރެވިފައިވަނީ ފާސްކުރި މިންވަރުގެ 74 އިންސައްތަ ކަމަށްވާ 37 ބިލިއަން ރުފިޔާ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެގޮތުން ދެ ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާއިރު މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީއަށް އެހާ ބޮޑު އަދަދެއް ކަނޑައަޅަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށާއި އެގޮތުން މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި ހުރި ކަމަށެވެ.
މިނިސްޓަރު ވަނީ މަޝްރޫޢުތަކުގެ ކޮންޓްރެކްޓުގެ އަގު 36 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.
"މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނޭ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް އަގުގެ ޖުމްލަ ހިސާބު ކުރުމުން 36 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ވަނީ ދެނެގަނެވިފައި. މިދިޔަ 2023 ވަނަ އަހަރު ގިނަ މަޝްރޫޢުތަކެއް އެވޯޑް ކޮށް، އެޑްވާންސް ޕޭމެންޓް ހަދާފައިވާއިރު، ފިސްކަލް ޙާލަތަށް ރިޢާޔަތްކޮށް ދެމެހެއްޓެނިވި މިންވަރެއްގައި މިދާއިރާގެ ޚަރަދު ހިފެހެއްޓުމުގެ ވިސްނުން ގެންގުޅެފައިނުވާކަން ފާހަގަކުރަން"



