އިސްރާއީލަށް އިތުރު ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުނިޔޭގެ ޖިނާއީ ކޯޓަށް ގޮވާލެއްވުމުން ފަލަސްތީނުގެެ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކޮށްފިއެވެ.
ފަލަސްތީނުގެ ދައުލަތުގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖެއަށް ލިބިފައިވާ ޕްލެޓްފޯމުގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.
އިސްރާއީލަށް އިތުރު ފިޔަވަޅުތައް އަޅަން ބައިނަލްއަގުވާމީ ކްރިމިނަލް ޖަސްޓިސް ކޯޓު (އައިސީޖޭއިން) އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ވީހާ ވެސް އަވަހަށް ފިޔަވަޅު އެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައިސީޖޭއަށް ގޮވާލެއްވީ އިއްޔެއެވެ.
ރައީސް ވިދާޅުވީ އިސްރާއީލު ސިފައިންގެ އަތްދަށުގައި ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ. ޣައްޒާގައި، ހާއްސަކޮށް ރަފާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި، މީހުން ގެދޮރު ދޫކޮށް ދާން ޖެހުމާއި މަރުގެ މަންޒަރުތައް ކަމަށް ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި އައިސީޖޭއިން މިކަމާއި ދެކޮޅަށް ތެދުވެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަފާހްއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖޭގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އަބަވެސް ތާއީދު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ދައުލަތަކީ ހަގީގަތަކަށް ވެގެން، ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންނަށް ޝަރަފުވެރިކަމާއި، ސުލްހަވެރިކަމާއެކު، ތަނަވަސް ދިރިއުޅުމެއް އުޅެވެންދެން ހަމަޖެހުން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަފާހަށް މިހާރު އިސްރާއީލުން ހަމަލާ ދެމުންދާއިރު ޣައްޒާގެ ބޮޑު ސަރަހައްދުތަކުން މުވާސަލާތީ ހިދުމަތް ވަނީ ކެނޑިފައެވެ. މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާގެ ރަފާހް ސިޓީ ހިމެނޭ ގޮތަށް ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުން މުވާސަލާތީ އަދި އިންޓަނެޓުގެ ހިދުމަތް ވަނީ މުޅިން ކެނޑިފައެވެ.
ރަފާހު ސިޓީ ހިމެނޭ ސަރަހައްދުން މުވާސަލާތީ ހިދުމަތް ކެނޑިފައިވާއިރު، މީގެ ކުރިން ވެސް ފަލަސްތީނުގެ އެކި ސަރަހައްދުތަކުން ވަނީ މުވާސަލާތީ ހިދުމަތް ކަނޑާލާފައެވެ. އެސަރަހައްދުގެ މުވާސަލާތީ ހިދުމަތް ކެނޑިފައިވަނީ ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިމާރާތްތަކަށާއި އެކަމާއި ބެހޭ ބައެއް ތަންތަނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.
މީގެ އިތުރުން ވެސް ޣައްޒާއަށް އެއްވެސް ކަހަލަ އެހީ އެއް ވެއްދޭނެ މަގެއް ތަނަވަސް ކޮށްދީފައި ނެތުމުން، ޣައްޒާއިން ތެޔޮ ހުސްވުމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން މިހާރު ވެސް ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 35،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 78،000 އަށްވުރެ މައްޗަށް އަރާފައެވެ.



