ފުވައްމުލަކުގައި ބިދޭސީއަކު ޓީބީއަށް ފައްސިވެގެން ފަރުވާ ހޯދަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން މިއުން މިއަދު ކަށަވަރުކޮށްދީފިއެވެ.
މި މައުލޫމާތު އާންމުކޮށްފައިވަނީ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވަނީ، ބިދޭސީ މަސައްކަތްތެރިއަކު ޓީބީ ބައްޔަށް ފައްސިވެފައިވާ ކަމަށް ބުނެ، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދޭ ގޮތަށް މީސް މީޑިއާގައި ސްޓޭޓަސްއެއް ދައުރުވަމުންދާ ކަމަށެވެ.
"މި ހޮސްޕިޓަލުން އެއްވެސް ބިދޭސީއަކު ޓީބީ ބައްޔަށް ފައްސިވެ، ފަރުވާކުރަމުން ނުގެންދާ ކަމުގެ ޔަޤީންކަން އަރުވަމެވެ،" ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ހޮސްޕިޓަލަށް މިފަދަ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށްވެސް ހޮސްޕިޓަލުން ފާހަގަކުރިއެވެ.



