ހުސްވި އޭޕްރީލްގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފި އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ބަލައިގެންފަ އެވެ. އެއީ މިދިޔަ އަހަރުގެ އޭޕްރީލާ އަޅާބަލާއިރު %13.6 އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ވެސް %4.8 ބޮޑު އަދަދެކެވެ.
އޭޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގައި ހިމެނެނީ:
ޖީއެސްޓީ - 1.4 ބިލިއަން ރުފިޔާ
އާމްދަނީއިން ނަގާ ޓެކްސް - 149 މިލިއަން ރުފިޔާ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 109 މިލިއަން ރުފިޔާ
ޑިޕާޗާ ޓެކްސް - 106 މިލިއަން ރުފިޔާ
ގްރީން ޓެކްސް - 106 މިލިއަން ރުފިޔާ
އެހެނިހެން ޓެކްސް އާއި ފީ - 192 މިލިއަން ރުފިޔާ
އޭޕްރީލްގައި މީރާއަށް އާމްދަނީގެ ގޮތުގައި 92 މިލިއަން އެމެރިކާ ޑޮލަރު ވެސް ބަލައިގެންފައިވެ އެވެ.
މީރާގެ އޭޕްރީލް އާމްދަނީ އަހަރުން އަހަރަށް ބަލާއިިރު އިތުރުވި ސަބަބުތަކަކީ، އެ އިދާރާއިން ބުނި ގޮތުގައި ޓެކްސްގެ އެކި ބައިތަކުން ލިބުނު އާމްދަނީ އިތުރުވުމާއި މާޗުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު %11.9 އިތުރުވުމެވެ. އެއާ އެކު ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.



