ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ފަށާފައިވާ އިންޓެގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް)ގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމެޕެނީ (އެމްޓީސީސީ) އާއެކު މަޝްވަރާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާރްޓީއެލް މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވާކަމަށާއި، މިހާރު ހިނގަމުންދާ ފެރީގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްގެންދިއުމަށް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އާރްޓީއެލްގެ ޚިދުމަތް އަލަށް ފެށުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކާ ގުޅޭ ގޮތުންވެސް މުހިންމު ނިންމުންތަކެއް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އާރްޓީއެލް މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށް، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.
އާރްޓީއެލްގެ ނިޒާމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަމީން އޭރު ވިދާޅުވީ ހަ ޒޯނަކަށް ރާއްޖެ ބަހާލައިގެން އެމްޓީސީސީއާ ހަވާލުކޮށްގެން 3 ޒޯނެއްގައި ފެރީގެ ޚިދުމަތް ކުރިއަށްގެންދާއިރު، އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ ކުރީ ސަރުކާރުން އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ އެންމެ ފުރިހަމަ ގޮތަށް ނޫން ކަމަށާއި، ފެރީގެ ރޫޓުތައްވެސް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ. އެކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން އަންނަކަން ފާހަގަކުރައްވާ އަމީން ވިދާޅުވެފައިވަނީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލުތައް ގެންނާނެ ކަމަށެވެ.
އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ޚިދުމަތުގައި 105 ބަސް އަދި 25 ފެރީ އުޅަނދު ބޭނުންކުރެއެވެ.



