މިޔަންމާގެ މަންޑޭލޭގައި ހުންނަ ބެއިޖިން ކޮންސިއުލޭޓަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޗައިނާއިން މިދިޔަ ހޯމަ ދުވަހު މިޔަންމާގެ ކަމާބެހޭ ފަރާތްތަކާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.
ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ހުކުރު ދުވަހު ހިނގި ހާދިސާއާ ގުޅޭ ގޮތުން ވިދާޅުވީ އެހަމަލާއާ މެދު ޗައިނާއިން ހިތާމަކޮށް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

މިޔަންމާގެ މަންޑޭލޭގައި ހުންނަ ބެއިޖިން ކޮންސިއުލޭޓް
ތަހުލީލު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއަކީ މިޔަންމާ ސަރުކާރަށް ވާގިދޭ އަދި ހަތިޔާރު ފޯރުކޮށްދޭ ގައުމެއް ނަމަވެސް މިޔަންމާގެ އުތުރުގެ ޝާން ސްޓޭޓުގައި ސިފައިންނާ ހަނގުރާމަކުރާ ނަސްލުތަކާ ވެސް ގުޅުން ބަހައްޓަ އެވެ.
މިޔަންމާގައި ވަނީ 2021 ވަނަ އަހަރު އަންގް ސަން ސޫކީގެ ސަރުކާރު އަސްކަރިއްޔާއިން ވައްޓާލައި ވެރިކަން ނިގުޅައިގަތްފަހުން ހަލަބޮލިވެފައެވެ.
މިޔަންމާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮމުގެ ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ޖީއެމްޓީ 12:30 ހާއިރު މެދުތެރޭ މަންޑޭލޭގައި ހުންނަ ޝާހީ ގަނޑުވަރުގެ ދެކުނުގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުގައި ހަވީރު 7:00 ހާއިރު އެވެ.
މިޔަންމާ ސަރުކާރުން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި 'މިޔަންމާ ޖުންޓާ' އިން ވަނީ މި ހާދިސާ 'ޓެރަރިސްޓުން'ގެ ބޮލުގައިއަޅުވާފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ ބޮމުގެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އެ ހަމަލާ ފުރިހަމައަށް ތަހުގީގުކޮށް، އެކަން ކުރި މީހުން ހިފައި އަދަބު ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް މިޔަންމާއަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ބެއިޖިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ "މިޔަންމާގައި ޗައިނާގެ ކޮންސިއުލާ އޮފީސްތަކާއި މުއައްސަސާތަކާއި މަޝްރޫއުތަކާއި މުވައްޒަފުންގެ ސަލާމަތީ ކަންކަން އިތުރުކޮށް ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅަން" ޑިމާންޑްކޮށްފަ އެވެ.



