ނަޞްރުގެ ދުވަހާއި ގުޅިގެން ހަތިޔާރާއި ގޮވާ ތަކެއްޗާއެކު ސިފައިންގެ ތަމްރީނުތަކެއް މާލޭގައި ފަށައިގެން ކުރިއަށްދާ ކަމަށް ދިފާއީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ދިފާޢީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފްއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް މިއަދުން ފެށިގެން ނަޞްރުގެ ދުވަހުގެ ރަސްމިއްޔާތު ނިމެންދެން ކޮންމެ ދުވަހަކު ސިފައިންގެ މަރުކަޒު (ކަޅުތުއްކަލާކޮށި/ބަންޑާރަކޮށި) ގައި އަދި ޝަހީދުންގެ ބިނާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ހަމަ އެ ދުވަހު ޝަހީދުންގެ ބިނާގައި ބޭއްވޭ ދިދަ އާއި ގާރޑް މައުންޓްކުރުމުގެ ރަސްމިއްޔާތުގެ ފަރިތަކުރުންތަކުގައި އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ 09:00 އާއި 10:30 އާއި ދެމެދު ސިފައިންގެ މަރުކަޒު (ބަންޑާރަކޮށި) ގައި، އަދި ޝަހީދުންގެ ބިނާގައި ބްލޭންކްސް ފަޔަރ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ދިފާޢީ ވުޒާރާއިން އިތުރު މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ތަމްރީނުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގޫތައް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި މި ތަމްރީނުތަކުގެ ވަގުތުތަކުގައި އެ ސަރަޙައްދުތަކުގައި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ޢާންމުންނަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.



