މި އަހަރު ނިމުމުގެ ކުރިން ހެލްތު ސެންޓަރުތަކަށް ރޭޕް އެވިޑެންސް ކިޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މިއަދުގެ ޖަލްސާގައި ވަނީ ރާއްޖޭގައި ޖިންސީ ގޯނާއާއި ރޭޕުގެ ކުށްތައް އިތުރުވަމުންދާތީ 5 ޖުލައި 2021 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް އޭރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި މިހާރުގެ ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރާ މެދު މަޖިލީހުގް ޖެންޑަރ ކޮމިޓީން ނިންނި ގޮތުގެ ރިޕޯޓު ފާސްކޮށްފައެވެ.
46 މެމްބަރުންގެ ވޯޓާއެކު އެ ރިޕޯޓު ފާސްކޮށްފައިވާއިރު، ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑު ތަހުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ ވަޞީލަތްތައް ގިނަ ރަށްރަށުގައި ޤާއިމްވެފައި ނެތްކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި 2021 ވަނަ އަހަރު ޖިންސީ ކުށުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ރޭޕް އެވިޑެންސް ކިޓު ދަޢުލަތުގެ ޞިއްޙީ ޚިދުމަތް ދޭ ހުރިހާ ސެންޓަރުތަކަށް ފޯރުކޮށްދީފައި ނުވާކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު އެ ރިޕޯޓުގައި ލަފާދީފައިވަނީ ޖިންސީ ކުށުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާޢިދުތައް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ރޭޕް އެވިޑެންސް ކިޓުތައް މިއަހަރު ނިމުމުގެ ކުރިން ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކަކަށް ފޯރުކޮށްދިނުމަށެވެ.
މީގެ އިތުރުން ރޭޕް އެވިޑެންސް ކިޓު ބޭނުންކުރާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށްވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.



