މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން މެދުއިރުމައްޗަށް އެތައް ފަހަރަކު ވަޑައިގެންފި އެވެ. މިހާރު އެ ވަޑައިގެންނެވީ 11 ވަނަ ފަހަރަށެވެ. މިދަތުރުފުޅުތަކުގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހާލަތު ރަނގަޅުވާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ޣައްޒާގެ ހަމަލާ އިތުރަށް ބޮޑުވެފައިވާއިރު، އިސްރާއީލުގެ ސިފައިން މިހާރު އަމާޒުކޮށްފައިވަނީ އުތުރުގެ އާބާދީ ގިނަ ސަރަހައްދުތަކަށެވެ. އެއީ ޖަބަލިއާ އާއި ބައިތު ލާހިޔާ އެވެ. ފަހަކަށް އައިސް ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. ފާއިތުވި 24ގަޑިއިރުތެރޭ ވެސް 117 މީހުން ޝަހީދުކޮށްލިއެވެ.
އަނެއްކޮޅުން ލުބުނާނުގައި އިސްރާއީލުގެ ހަމަލާތައް ވަރުގަދަވެ، ބެއިރޫތުގެ ޔުނިވާސިޓީ ހޮސްޕިޓަލް ފަދަ މުހިއްމު އިންފްރާސްޓްރަކްޗަރަށް ހަމަލާދީ ކުޑަކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހަކު ޝަހީދުކޮށްލިއެވެ. ބޭންކުތަަކަށް އަމާޒުކޮށް ޙަމަލާދޭއިރު އެމެރިކާގެ މަންދޫބު އަމޯސް ހޮޗްސްޓައިން ލުބުނާނުގެ ލީޑަރުންނާ އެކު ކުރެއްވި މަޝްވަރާތައް ހިމެނޭ ގޮތަށް ޑިޕްލޮމެޓިކް މަސައްކަތްތަކުން އަދިވެސް ސުލްހައާ ދިމާލަށް ކުރިއެރުން ނުލިބެ އެވެ. އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލުބުނާނުގައި 2،400 އަށް ވުރެ ގިނަ އާންމުން ޝަހީދުވެ ނުވަތަ މަރުވެފައިވާއިރު، 1.2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ.
ލުބުނާނަށް ޙަމަލާ ދެމުންދަނީ ހިޒްބުﷲގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކުން ކަމަށް އިސްރާއީލުން ބުނާއިރު، ހިޒްބުﷲއިން ބުނަނީ އެމީހުންގެ އެދުމަކީ އެންމެ ކަމެކެވެ. އެއީ ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށެވެ. ނަމަވެސް އިސްރާއީލުން އެކަމަށް އެއްބަހެއް ނުވެއެވެ.
އެމެރިކާއިން މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމުގެ ނަމުގައި އެތައް ބައްދަލުވުމެއް ބާއްވާފައިވާއިރު މިއިން އެއްވެސް ބައްދަލުވުމަކުން ފަލަސްޠީނަށް ފައިދާ އެއް ނުކުރެއެވެ.
ބްލިންކެންގެ މިފަހަރުގެ ދަތުރުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިތުރު އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި އިސްރާއީލަށް ފަހު އޭނާ އަރަބި ގައުމުތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ބެލެވެ އެވެ.
ބްލިންކެންގެ މިދަރުރުފުޅުގެ ކުރިން އަދި އިސްރާއީލުން ބަދަލު ހިފުމުގެ އިންޒާރު ދީފައިވާ ހަމަލާގެ ކުރިން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޣްޗީ ވަނީ ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުގެ ޢަރަބި ޤައުމުތަކުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާފަ އެވެ. އަންގާރަ ދުވަހު ކުވައިތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގަލްފް އަރަބި ގައުމުތަކުން އެގައުމުތަކުގެ ސަރަހައްދު އިސްރާއީލުގެ އެއްވެސް ހަމަލާއަކަށް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"ހުރިހާ އަވަށްޓެރިން ވެސް ޔަގީންކަން ދިނީ އެމީހުންގެ ބިންތަކާއި ވައިގެ ސަރަޙައްދު ވެސް އީރާނާ ދެކޮޅަށް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް،" އަރަޣްޗީ ވިދާޅުވި ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ޔޫއޭއީ އާއި ގަތަރު ފަދަ ގަލްފް އަރަބި ގައުމުތަކުން ބޮޑެތި އަސްކަރީ ޓްރެއިނިންގތައް ބާއްވާއިރު، ހުރިހާ ގޮތަކުން ވެސް ކުރިއަށްދާ ސަރަހައްދީ ހަނގުރާމައެއްގައި އެ ގައުމުތަކަށް ވެސް ނުރައްކާވާނެ ކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
އެހެންކަމުން ބްލިންކެންގެ މިފަހަރުގެ ދަތުރުގައި އިސްރާއީލުން އީރާނަށް ޙަމަލާ ދިނުމަށް އުޅޭކަން ލީކުވި މައްސަލައިގައި ނަތަންޔާހޫއާއި މަޝްވަރާ ކޮށްފާނެއެވެ. ނަމަވެސް ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ބްލިންކެން ކުރި ދަތުރުތަކުން އަލިމަގެއް ފެނިފައެއް ނެތެވެ.









