ރާއްޖެއިން ބޭރަށް 10,000 އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ގެންދާނަމަ އެ ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކުރުމާއެކު، އެކަކު ހިފައްޓާފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިފައްޓާފައިވަނީ ދިވެއްސެއް ކަމަށާއި އޭނާ ހިފަހައްޓާފައިވަނީ 60,000 ޑޮލަރާއެކު ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ފައިސާ ޤައުމުން ބޭރަށް ގެންދާ ހާލަތްތަކުގައި ޢަމަލުކުރާނެ ވަކި މިންގަނޑުތަކެއް ބައިނަލްއަޤްވާމީ އިދާރާތަކުން ކަނޑައަޅާފައިވާ ކަމަށާއި، އެ މިންގަނޑުތަކަށް ޢަމަލުކުރަން ރާއްޖޭގައިވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން 10,000 އަށްވުރެ ގިނަ ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރަށް ދާ މީހުންނާ މިހާރު ސުވާލުކުރަން ފަށާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށްދާނަމަ އެ ފައިސާ ހިފަހައްޓާ، ރަނގަޅަށް ޑިކްލެއާކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދީ ކޮންތާކުން އަދި ކިހިނެތްތޯ ސުވާލުކުރާނެ ކަމަށާއި އެއީ ތިމަންނަގެ ފައިސާކަން ސާބިތުކޮށްދެވެން ޖެހޭނެކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ޑިކްލެރޭޝަން ނިމޭނީ އެމީހާ ދައްކަނީ ޤާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ ބެލުމަށްފަހު ކަމަށް އިހުސާން ވިދާޅުވިއެވެ.



