ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކުގައި ވެއިޝިން ޕޭ (ވީޗެޓު ޕޭ) ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.
ބީއެމްއެލް އިން ބުނީ މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުން ކަމަށެވެ. ޕީއޯއެސް ނެޓްވޯކުގައި ވީޗެޓު ޕޭ ބަލައިގަނެވޭނެ ގޮތް ހަމަޖެހުމުން ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހިންގާ ވިޔަފާރިއަކަށްވެސް ފައިސާ ދެއްކޭނެ މަގު ތަނަވަސްވެފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ.
ޗައިނާގެ މަޤުބޫލު މި އެޕު ބޭނުންކޮށްގެން ކިއުއާރު ޕޭމަންޓްތަކަށް ފައިސާ ބަލައިގަނެވޭނެ ގޮތް ހަމަޖެހިފައިވާއިރު، މީގެ ކުރިން ވީޗެޓް ޕޭގެ ޚިދުމަތް ލިބެނީ ހަމައެކަނި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ. އަދި ވީޗެޓް ތައާރަފްކުރެވިގެން ދިއުމާއެކު ބީއެމްއެލްގެ ކަސްޓަމަރުން އިޚްތިޔާކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ފަހިވެފައިވާކަމަށް ބީއެލްއެލް އިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ބޭރުގެ މަނީ ޓްރާންސްފަރ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓުން ފައިސާ ޓްރާންސްފަރ ކުރެވޭނެ ޚިދުމަތް ވެސް ސަރުކާރުން ވަނީ ބީއެމްއެލްއާ ގުޅިގެން މިދިޔަ މާރޗް މަހު ފަށާފައެވެ.
އެއާއެކު ބީއެމްއެލް އިން ވަނީ އެ ބޭންކުން މީގެ ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ ވިޔަފާރިވެރިން އަންބްލޮކްކޮށް، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޑޮލަރު ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޑޮލަރު ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތަކުން ފައިސާ ފޮނުވުމާއި ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



