ރާއްޖެއަށް ފަތުރުވެރިކަމުން އަހަރަކު 4-5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މީގެކުރިން ފާހަގަކުރެއްވި ގޮތުގައި މި އާމްދަނީގެ ބޮޑު ބައެއް ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރެއް ނުވެއެވެ.
އީސާ ވިދާޅުވި ގޮތުގައި ބޭރު ފައިސާގެ ގޮތުގައި ރާއްޖޭގައި ދައުރުވަނީ މި މުއްސަނދިކަމުގެ ކުޑަ މިންވަރެކެވެ. މުވައްޒަފުންގެ މުސާރައާއި އެކަމާ ގުޅުންހުރި ޚަރަދުތައް އެކަންޏެވެ. ދެން ހުރިނަމަ ހުރި އެތައް ބިލިއަން ޑޮލަރެއް މިހުންނަނީ ރާއްޖޭގެ ސަރުކާރަށް އަތުނުޖެހޭ ހިސާބުގައި ބޭރުގެ ބޭންކު ތަކުގައެވެ.
މި ކަމުގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އިތުރަށް ބޮޑުވެ ޑޮލަރުގެ ބްލެކް މާކެޓެއް ވަނީ އުފެދިފައެވެ. އިމްޕޯޓަށް ބަރޯސާ ވެފައިވާތީ ރިސޯޓު އޯނަރުންގެ ސަބަބުން އުފެދުނު މި "ޖަރީމާ"ގެ ސަބަބުން މުދަލުގެ އަގުތައް އުފުލެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދާދި ފަހުން ވަނީ 10،000 ޑޮލަރަށް ވުރެ ގިނަ މުޢާމަލާތްތައް ފާރަވެރިކޮށް، ރާއްޖެއިން ބޭރަށް ޑޮލަރު ގެންދިއުމަށް ރައްޔިތުންނަށް ހަރުކަށި ޤަވާއިދުތަކެއް ކަނޑައަޅާފަ އެވެ. ނަމަވެސް އަދިވެސް ފާހަގަކޮށްލެވޭ ލޫޕްހޯލެއް އެބައޮތެވެ. ޢާމްދަނީގެ %80 ބޮޑު ބައެއް ބޭރުގެ ބޭންކުތަކުގައި ފޮރުވާ ރިސޯޓްތަކުގެ ވެރިންނަށް އެފަދަ އެއްވެސް ފާރަވެރިކަމެއް ކުރިމަތިވެފައެއް ނުވެއެވެ. ޙަޤީޤަތުގައި، މިއީ ޤާނޫނަކުން ނަމަވެސް ހުއްޓުވަން ވެއްޖެ "ޖަރީމާ"އެކެވެ.
ރިސޯޓުތަކުގެ ވެރިންނަށް ލިބޭ ޢާމްދަނީ ރާއްޖޭގައި ބެހެއްޓުމަށް ލާޒިމުކުރާ ޤާނޫނެއް ނެތުމަކީ މައްސަލަ އިތުރަށް ބޮޑުވާ ކަމެކެވެ. ޑޮލަރު ކޮންޓުރޯލްކުރާ "ގޭންގު"ގެ ސަބަބުން އިޤްތިޞާދަށް ނިސްބަތްވާ މި ފައިސާތައް ޑޮމެސްޓިކް ސާކިއުލޭޝަނަށް ނުވަދެ ޤައުމު ފަހަތަށްޖެހޭ މަންޒަރު އެބަ ފެނެއެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ބައިނަލްއަގްވާމީ ހޮޓަލް ޗެއިންތަކުން އަނބުރާ ފޮނުވާލާއިރު، ލޯކަލް ކޮމިއުނިޓީތަކަށް އެފައިސާ ނުވަދެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ރިސޯޓުން ލިބޭ ޢާމްދަނީގެ ވަކި އިންސައްތައެއް ލޯކަލް ބޭންކުތަކަށް އަނބުރާ ގެންދިއުމަށް އިންސެންޓިވައިޒް ނުވަތަ މެންޑޭޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވިސްނާންޖެހެއެވެ.
10 ހާސް ޑޮލަރުގެ ހަރުކަށި ޤަވާޢިދުތަކުގެ ނިޔަތަކީ ޤައުމުގެ އިޤްތިޞާދީ މަސްލަހަތު ރައްކާތެރިކުރުން ކަމަށް ވެދާނެއެވެ، އެހެންނަމަވެސް ދިގު މުއްދަތުގައި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ލިބިދާނެ ނޭދެވޭ ނަތީޖާތަކުން ސަލާމަތްވުމަށް ފަރުވާތެރިކަމާއެކު ތަންފީޒު ކުރަންޖެހެއެވެ.
މި ޤަވާޢިދަކީ ވަކި ބަޔަކަށް ޓާގެޓް ކޮށްފައިވާ ކަމެކެވެ. މި ޤަވާޢިދުގެ ސަބަބުން ކުދި ވިޔަފާރުތަކަށާއި ޢާންމު ފަރުދުންނަށް ނުހޮރުއްޕާން ކުރިޔަސް ރިސޯޓް އޯނަރުން ފަދަ ޑޮލަރުގައި ބަގުޑި ބައްދައިގެން ބޭރުގެ އެކައުންޓު ތަކުގައި މިލިއަން ޑޮލަރު ފޮރުވައިގެން ތިބޭ މީހުންނަށް އަސަރެއް ނުކުރާނެއެވެ.
މި ހަރުކަށި ފިޔަވަޅުގެ ސަބަބުން ބައިނަލްއަޤްވާމީ މުޢާމަލާތްތަކާއި މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ފުރުޞަތު އެބައޮތެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން އާއި ޒަރޫރީ ތަކެތީގެ އަގު ބޮޑުވެ ކޮންސިއުމަރުންނަށް ނޭދެވޭ މާލީ ބުރަ ކުރާނެއެވެ.
"އަޑީ ބާރުގެ" އިޤްތިޞާދު : ވަކިވަކި ފަރުދުން ޤައުމުން ބޭރަށް ފައިސާ ގެންދިއުމަށް އައު ގޮތްތައް ހޯދަމުންދާތީ، ހަރުކަށި ގަވާއިދުތަކުގެ ސަބަބުން ނޭނގި ނަމަވެސް "އަޑީގައި" "ނުފޫޒުގަދަ" ފަރާތްތަކާއެކު މުޢާމަލާތްތައް ހިނގައިދާނެއެވެ. މިއީ ފައިސާ ޓްރާންސްފާ ކުރުމަށް ނުރަސްމީ އަދި ޤާނޫނާ ޚިލާފު ޗެނަލްތަކެއް އުފެދި، މާލީ ނިޒާމުގެ ހާމަކަން ބޮޑުކަމާއި ހަމަޖެހުމަށް ބުރޫއަރާނެ ކަމެކެވެ.
އެހެން ކަމުން ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުން ނަމަ ޤާނޫނުތައް އިޞްލާޙް ކުރަން އެބަ ޖެހެއެވެ. ކުދި އަދި މެދުފަންތީގެ މީހުން ފޮނުވާ 10 ހާސް ޑޮލަރު އަތުލާއިރު ބޭރުގެ އެކައުންޓު ތަކުގައި މިލިއަނުން ޑޮލަރު ފޮރުވާ މީހުންގެ ޑޮލަރުވެސް އަތުލެވެން ޖެހޭނެއެވެ.



