ކުޑަކުއްޖަކު ތަރުބިއްޔަތު ކުރުމަކީ ބައެއްފަހަރު ކުއްޖަކު ހޯދުމަށް ވުރެ ބޮޑުކަމެކެވެ. ބޮޑުކަމަކަށް ވަނީ، ކޮންމެ ކަމެއްގައި ވެސް އޮންނަ ހަމަތަކާއި އުޞޫލު ނުވަތަ ހުނަރު ނެތުމުން ނުވަތަ ކުޑަކަމުންނެވެ. ފަލްސަފާ ޢިލްމުވެރިން ވިދާޅުވަނީ، މައިމީހާ ބަލިވެ އިންނަ ހިސާބުން މަންމަ އާއި ބައްޕަގެ އުޅުމާއި ގުޅުންތައް (ޔަޢުނީ މުޢާމަލާތް ކުރުން) ވެސް ހެޔޮކުރަންޖެހޭ ކަމަށެވެ. ކެއުމާއި ބުއިމުގެ އާދަތައް ލިމިޓްކޮށް ކޮންމެހެން ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި ކެލްސިއަމާއި ފައިބަރ ހިމެނޭ ކާނާ ކާންޖެހޭކަމަށެވެ. އެއީ ކުއްޖާގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައެވެ. ކުއްޖަކު އުފަންވާއިރު ވިސްނަންޖެހޭ އަނެއްކަމަކީ ކުއްޖާ ދުނިޔެއަށް އުފަންވާނީ މަޢްޞޫމު ކުއްޖެއްގޮތުގައިކަމެވެ. ކުށެއް ނެތް ޠާހިރު ކުއްޖެއްގޮތުގައިކަމެވެ. ކުއްޖާ އުފަންވަނީ ހުރިހާ ނުބައިކަމެއް ހިނގަމުންދާ ދުނިޔެއަކަށް ކަމެވެ. ﷲ ގެ ނިޢުމަތްތަކުން ފުރިފައިވާ ދުނިޔެއަކަށް ކަމެވެ.
އެހެން ނަމަވެސް އެނިޢުމަތްތައް ވުޖޫދުކުރެއްވި މިންވަރު ކޮށްދެއްވި ފަރާތަށް ޝުކުރުވެރިވުމަށް ނުދަންނަ މީހުން ވެސް ގިނަ އަދި ﷲ ގެ ވަޙީ އާއި ރަސޫލާގެ ރިސާލަތު ވެސް ބުއްދި އާއި ހަމައަށް ފޯރާފައި ނުވާ ގިނަ ބަޔަކު ވެސް އުޅޭ ދުނިޔެއަކަށް ކަމެވެ.
އެހެން ކަމުން ރަނގަޅާއި ނުރަނގަޅު ކުއްޖާއަށް ބުނެދޭން އެނގޭވަރަށް މައިންބަފައިން ތައްޔާރު ވާންޖެހެއެވެ. ދިރި އުޅުމުގެ ރީތި އާދަކާދަތަކަށް އަހުލުވެރިވެ އެކަންކަން ދޫނުކޮށް ހިފަހައްޓަން ޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިޙްތިރާމު ކުރުމުގެ އާދައެވެ. މަައިންބަފައިންގެ މެދުގައި އެ އާދަ ނެތް ނަމަ ކުއްޖާގެ ކިބައިގައި އެއާދަ ހަރު ނުލެއްވޭނެތީއެވެ.
ކުއްޖާގެ ކޮންޓްރޯލު މައިންބަފައިންގެ އަތުގައި ބޭއްވުމަށް އިޙްތިރާމު ކުރަން ދަސްކޮށް ދޭންޖެއެވެ. އިޚްތިރާމު ކުރުމުގެ މާނައަކީ ރަނގަޅަށް އަޑު އެހުމާއެކު ޒުވާބަކަށް ނުގޮސް ކަންކަން ހައްލުކުރުމަށް ދަސްކޮށް ދިނުމެވެ. ތެދުވެރިވުމާއި އާމާނާތްތެރިކަމާއި އިޙްސާންތެރިކަމަކީ އިޙްތިރާމުގެ ތެރެއިން ކުދިންނަށް ލިބެންޖެހޭ ކަންކަމެވެ.
ކުއްޖާ ގެ ޢުމުރުފުރައަށް އަންނަ ބަދަލުތަކާއެކު ކާއިނާތުގެ މައްޗަށް ނަޒަރުކޮށް ވިސްނައި ހަދައެވެ. ކާއިނާތުގައިވާ ނިޢުމަތްތަކާއި މެދު ފިކުރު ހިންގައި، އެނިޢުމަތްތައް ވުޖޫދުގައި ލެއްވި ފަރާތަށް އަޅުކަން ކުރުމުގެ ޝައުޤުވެރިކަން ކުއްޖާގެ ކިބާގައި ހުންނާނެ ކަން ދަންނާށެވެ. އެހެންކަމުން ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އަޅުކަން ކުރަންޖެހޭ ފަރާތަކީ ހަމައެކައި ﷲ سبحانه وتعالىކަން ބުނެދޭންޖެހެއެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް ޝިރުކު ކުރުމަކީ ދީނުން ބޭރުވާނެ ކަމެއްކަން ބުނެދޭންޖެހެއެވެ. ހުރިހާ ނަބިއްޔުން ވެސް ފުރަތަމަ ގޮވާލެއްވީ ﷲ އަށް ޝިރުކު ނުކުރުމަށެވެ.
އެއަށްފަހު އޮތީ ދުނިޔޭގައި ވެސް ހެޔޮކަން އާޚިރަތު ގައިވެސް ހެޔޮކަން ހޯދުމަށް ދަސްކޮށް ދިނުމެވެ. އަނިޔާ ނޫން ހުރިހާ އިޚްތިޔާރެއް އޮތްކަން އިންސާނާ ތަރުބިއްޔަތު ކުރުމުގައި ބުނެދޭން ޖެހެއެވެ. ޚަރާމް ހަލާލު ކަނޑައެޅިފައިވަނީ އިންސާނިއްޔަތަށް ގެއްލުން ހުރި ކަންކަމުން ރައްކާތެރިވެ އުޅުމަށްކަން ބުނެދޭންޖެހެއެވެ. ދުނިޔޭގައި ރަނގަޅަށް އުޅެ ރަނގަޅު އެއްޗެއް ހޯދައިފި މީހަކަށް ނޫނީ އާޚިރަތުގެ ދަރުމަ އާއި ޘަވާބު ނުލިބޭނެކަން ބުނެދޭން ޖެހެއެވެ. ދުނިޔެވީ ޢިލްމާއި ދީނީ ޢިލްމު އުނގަންނައި ދޭންޖެހެއެވެ. ސައިންސާއި ޓެކޮނޮލޮޖީއަކީ މުސްލިމުންނަށް ވެސް ޙައްޤު އެއްޗެއް ގޮތުގައި ބަލަންޖެހެއެވެ.
ކިތަންމެ ބޮޑު ޔުނިވަރު ސިޓީއަކުން ކިތަންމެ މޮޅު މަތީ ސެޓްފިކެޓެއް ހޯދި ނަމަވެސް ޤުރުއާނުގައި އޮތް އެއްޗެއް ނުދަންނަ މީހަކަށް އިޙްސާންތެރިކަމާއި، އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަން މުހިންމު ނުވެދާނެކަން މައިންބަފައިން ދަންނަންޖެހެއެވެ. އެގޮތަށް ދަރިންނަށް ވިސްނައިދޭން ޖެހެއެވެ. ތުއްތު ކުދިން ކޮންޓްރޯލު ކުރުމަށް ފޯނާއި ޓެބްލެޓް ދީފައި ކުރާނެކަމެއް ކުރުމަށް ބަލާނެ އެއްޗެއް ބެލުމަށް ދޫކޮށް ނުލައްވާށެވެ.
އެކަމުން ނިކުންނާނެ ނަތީޖާ އެނގޭނީ އޯލެވެލް ނުވަތަ އޭލެވެލް ހަދައިގެން ނަތީޖާ ލިބޭ ދުވަހުއެވެ. އެދުވަހަކީ، ހިތާމަ ކުރަންޖެހޭ ދުވަހަކަށް ނުހައްދަވާށެވެ. ގްރޭޑް 01 ފެށިގެން ބަދަލުވާ ކޮންމެ ގްރޭޑަކީ މުހިއްމު ގްރޭޑެކެވެ. ޕްރައިމަރީ ތަޢްލީމު ނިމި ގްރޭޑް 4، 5، 6، 7 ގައި ކިލާހުން ދޭ ފިލާވަޅުތައް ރަނގަޅަށް ދަސްކޮށްފައި ވޭތޯ ކަށަވަރު ކުރާށެވެ. ގޭގައި ހެދުމަށް ސްކޫލުން ދޭ ފިލާވަޅުތައް ހަދާފައި ވޭތޯ އާއި ދަސްކުރަން ދީފައިވާ ފިލާވަޅުތައް ދަސްކުރިތޯ ޔަޤީންކުރާށެވެ.
ފޯނު ކޮށްޓުމަށް މައިންބަފައިން ހޭދަކުރާ ވަގުތު ދަރިންނަށް ދޭށެވެ. ފޯނަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް އޮތް ވަޞީލަތަކަށް ހަދާށެވެ. ވަގުތުގެ ޒިންމާއަކީ ހިނގުމެވެ. އިންސާނާ ވާންވާނީ ލިބޭ ވަގުތު ބޭނުންތެރި ވަގުތަކަށް ހަދާ މީހަކަށެވެ. ކުއްޖާ ތަރުބިއްޔަތު ކުރުމުގައި، 1ވަނަ މަހާއި 6 ވަނަ މަސް 9 ވަނަ މަސް 9 މަހާއި 12 ވަނަ މަސް އަދި މިމަސްތަކުން ފެށިގެން މަތީގެ ޢުމުރު ފުރައަށް ސަމާލުވުން މުހިންމު ކަމުގައި، ޢިލްމުވެރިން ވިދާޅުވެއެވެ.



