މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އެ އިދާރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ޒަރީރުގެ އިތުރުން ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދުގެ ނަންވެސް މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ވަނީ މިދިޔަ މާޗް މަހު ފޮނުވާފައެވެ. އެ މަޤާމަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވީ ޔަޒީދަށް ނަމަވެސް، ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން މިދިޔަ ހަފްތާގައި ފާސްކޮށްފައިވަނީ ޒަރީރުގެ ނަމެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ފާސްވީ ކޮމިޓީން ނިންމި ގޮތަށް ޒަރީރަށް ރުހުން ދިނުމަށެވެ.
45 މެމްބަރުންގެ ވޯޓާއެކު ޒަރީރުގެ ނަން ފާސްވުމުން ޔަޒީދުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.



