މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ލައްކަ އަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 822,723 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.9 ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 735,374 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް 50,072 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %6.3 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 47,089 ފަތުރުވެރިންނެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، ޔޫ.ކޭ، އިޓަލީ އަދި ޖާމަނީއެވެ. ޗައިނާއިން 91,073 ފަތުރުވެރިން އައިސްފައިވާއިރު ރަޝިއާއިން އައިސްފައިވަނީ 83,219 ފަތުރުވެރިންނެވެ. ޔޫ.ކޭ އިން 78,961 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިޓަލީ އިން 72,739 ފަތުރުވެރިން އަދި ޖާމަނީ އިން 64،603 ފަތުރުވެރިން ވަނީ އައިސްފައެވެ.
އަހަރު ފެށިގެން ދިޔައިރު ލިސްޓުގެ ތިން ވަނައިގައި އޮތް އިންޑިއާ ވަނީ 46,342 ފަތުރުވެރިންނާއެކު ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 1,878,543 އެވެ.



