ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި ހަ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ބާއްވާފައިވާއިރު، ޕީސީބީގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވާ ހަމްދީ އަޤީލް ހިމެނޭހެން ހަ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.
މެމްބަރުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައިވަނީ ކޮންމެ މެމްބަރަކަށް ވަކިވަކިންނެވެ. އެގޮތުން ޕީސީބީގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފައިވާ ހަމްދީ އަޤީލަށް ރުހުން ލިބިލައްވާފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަށް އައްޔަންކުރެއްވި މުޙައްމަދު އާޒާދުއަށްވެސް ރުހުން ލިބިލައްވާފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ.
ބޭންކިންގެ ދާއިރާއަށް އައްޔަންކުރެއްވި ލީލާ އަބްދުލް ޖަލީމް އަށް 48 މެމްބަރުންގެ ވޯޓާއެކު ރުހުން ލިބިލެއްވިއިރު، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަށް އައްޔަންކުރެއްވި މޫސާ ފަތުހީ އާދަމް އަށް ރުހުން ލިބިލެއްވީ 46 މެމްބަރުންގެ ވޯޓުންނެވެ. އަދި ޤާނޫނީ ދާއިރާއަށް އައްޔަންކުރެއްވި އަހުމަދު ނަޝާތުއަށް 46 މެމްބަރުންގެ ވޯޓުން ރުހުން ލިބިލެއްވިއިރު، އިކޮނޮމިކްސްގެ ދާއިރާއަށް އައްޔަންކުރެއްވި ހަސަން ޒަރީރަށް ރުހުން ލިބިލައްވާފައިވަނީ 47 މެމްބަރުންގެ ވޯޓުންނެވެ.
މި ހަ ބޭފުޅުންގެ އިތުރުން ޕީސީބީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް މުޙައްމަދު ފިރާޒް އެވެ.



