ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށްބުނެ އެމްޑީޕީން ނެރެފައިވާ ބަޔާނަކީ ޙަޤީޤަތާ މުޅިން ޚިލާފު ބަޔާނެއް ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައްދު ދެއްވައިފިއެވެ.
ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ މި ޕާޓިން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށާއި، ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޑިމޮކްރެސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއި އެކު ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުދީގެން ކުރިއަށް ދިއުން ކަމުގައި ވެސް ބަޔާނުގައި ވަނީ ދަންނަވާފައެވެ. ރައްޔިތުންގެ ތާޢީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑުއަހައިގެން ކަމުގައިވެސް ވަނި ބުނެފައެވެ.

އެމްޑިޕީގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި މިހާރުވެސް ވަޒީފާތަކުގައި ތިބި ފަރާތްތަކުން ބައިވެރިވަމުންދާކަން ފާހަގަކޮށް، މިދިޔަ ސަރުކާރުން ސިޔާސީ ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރުދައްކާ، ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ދިޔަ ގޮތަށް ކަންކަން ކުރުމަކީ ޕީޕީއެމް/ޕިއެންސީގެ ސިޔާސަތެއް އަދި ފިކުރެއް ނޫން ކަމުގައިވެސް ވަނީ ބަޔާނުގައި ބުނެފައެވެ.








