ހޭންޑްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ އަންވަރު މަޤާމުން ވަކިކޮށްފިއެވެ.
އަންވަރު އެ މަޤާމުން ވަކިކޮށްފައިވަނީ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެޑްވާންސްކޮށް މުސާރަ ނެގި މައްސަލައަކާއި، ނުވަ މަސް ތެރޭ ބޮޑެތި ޢަދަދުތަކުން އެސޯސިއޭޝަންގެ ފައިސާ އޭނާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ހިމެނެއެވެ.
އެ އެސޯސިއޭޝަންގެ އޮފިޝަލެއް މަޢުލޫމާތު ދެއްވި ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ އަންވަރުގެ މައްސަލަ ބަލަމުންނެވެ. އަދި އެ މައްސަލަ ފެންމަތިވި ހިސާބުން އޭނާ މަޤާމުން ވަކިކުރީކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އަންވަރުގެ މައްސަލަ ކަމާގުޅޭ އިދާރާތަކަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.



