މިދިޔަ ހަފްތާގައި އެކަނި ވެސް 2500 އަށްވުރެ ގިނަ މީހުންނަށް ޕާސްޕޯޓު ދޫކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ފާތިމަތު ލަތީފާ ވިދާޅުވީ ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ޕާސްޕޯޓަށް އެދެމުން އަންނަ ކަމަށެވެ.
ސްކޫލް ޗުއްޓީ ފެށީ 1 މެއިގަ އެވެ. ޗުއްޓީ ދުވަސްވަރު ހިނގަމުންދާއިރުވެސް، ފާތިމަތު ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް 2581 މީހުންނަށް ވަނީ ޕާސްޕޯޓު ދޫކޮށްފަ އެވެ.
އެކަން ފާހަގަކުރައްވައި އޭނާ އިލްތިމާސްކުރެއްވީ ދުރާލާ ޕާސްޕޯޓު ހެދުމަށް އިސްކަން ދިނުމަށެވެ. އެގޮތުން މުއްދަތު ހަމަވާން ހަ މަސް ދުވަހަށް ވުމުން ވީހާވެސް އަވަހަށް އެކަން ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.



