އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހުޅުވާލި ފުރުޞަތެއްގައި، ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށްގެން ބާއްވާ ފުރަތަމަ މަހާސިންތާގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފިއެވެ. "ހައްޖު އުމްރާ ކޮންފަރެންސް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންތިޒާމު ހަރުދަނާކުރުމެވެ.
މިހާރު ރާއްޖޭގައި ޙައްޖަށް މީހުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަމުގައިވީ ނަމަވެސް، ޢުމްރާއަށް މީހުން ގެންދިއުމަށް 56 ކުންފުންޏަކަށް ހުއްދަ ދެވިފައިވެއެވެ. މި މަހާސިންތާގައި މި ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދީނީ އެކިއެކި ކަންކަމާ ގުޅިގެން މިފަދަ މަހާސިންތާތައް އަންނަނީ ބާއްވަމުންނެވެ. މީގެ ކުރިން އިމާމުންގެ މަހާސިންތާއަކާއި، ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްވެސް ވަނީ ބާއްވާފައެވެ. މިއީ ރާއްޖޭގެ ދީނީ ރޮނގުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



