ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ އޫރެއްގެ ކިޑްނީ ލެއްވި ފުރަތަމަ ބަލިމީހާ އެ އޮޕަރޭޝަން ކުރިތާ ދެ މަސް ދުވަސް ފަހުން އިއްޔެ މަރުވެއްޖެ އެވެ.ކިޑްނީ ބަލީގައި އެންމެ ފަހު މަރުހަލާ ކަޑަތުކުރަމުން ދިޔަ އުމުރުން 62 އަހަރުގެ ރިޗަޑް 'ރިކް' ސްލޭމަން އޫރު ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަންކުރީ މިދިއަ މާޗު މަހު އެވެ.މި އޮޕަރޭޝަން ހެދި އެމެރިކާގެ މަސަޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް) އިން އިއްޔެ ބުނީ އޭނާ މަރުވީ ކީޑްނީ ލެއްވުމާ ގުޅިގެން ކަން އަދި އެނގިފައި ނުވާ ކަމަށެވެ.ޖެނެޓިކަލީ މޮޑިފައިކޮށްފައި ހުންނަ އޫރުގެ ގުނަވަންތައް މީގެ ކުރިން އިންސާނުން ހަށިގަނޑަށް ލައްވަން ކުރި ހުރިހާ އޮޕަރޭޝަނެއް ވަނީ ފޭލުވެފަ އެވެ. ސްލޭމަންގެ އޮޕަރޭޝަން ފާހަގަކުރެވުނީ މި ދާއިރާއިން ސައިންސްވެރިންނަށް ލިބުނު ތާރީހީ ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.ކިޑްނީ ބަލީގެ އިތުރުން ސްލޭމަންއަކީ ޓައިޕް-2 ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުގެ ބަލި ވެސް ހުރި މީހެކެވެ. ކިޑްނީ ބަލީގެ ސަބަބުން 2018ގައި ސްލޭމަން ވަނީ އެހެން އިންސާނެއްގެ ކިޑްނީ ވެސް ލައްވައިފަ އެވެ. ނަމަވެސް އެ ކިޑްނީ ފަސް އަހަރު ފަހުން ވަނީ ފޭލުވެފަ އެވެ.މާޗް މަހުގެ އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނީ ސްލޭމަންގެ ހަށިގަނޑުން އޫރުގެ ކިޑްނީ ބަލައިގެންފައިވާ ކަމަށާއި، އެ ގުނަވަން ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ. އެ އޮަޕަރޭޝަނަށް ފަހު ޑައިލިސިސް ހެދުން ވެސް ހުއްޓާލި އެވެ. ސްލޭމަން މި އޮޕަރޭޝަން ހަދަން އެއްބަސްވީ ގުނަވަން ޓްރާންސްޕްލާންޓް ކުރަން ޖެހިފައިވާ އެތައް ހާސް ބަޔަކަށް އުއްމީދެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ."އޭނާ ވަނީ މި ލަނޑުދަނޑި ހާސިލްކޮށްފައި. އޭނާގެ އުއްމީދާއި ހިތްވަރު ތާއަބަދަށް ދެމި އޮންނާނެ،" ސްލޭމަންގެ ތިމާގެ މީހަކު ބުންޏެވެ.ސްލޭމަންގެ އިތުރުން އޫރުގެ އެހެން ގުނަވަންތައް މީގެ ކުރިން އިންސާނުންގެ ހަށިގަނޑަށް ލައްވާފައިވެ އެވެ. އެގޮތުން ޖެނެޓިކަލީ ބަދަލުކޮށްފައި ހުރި އޫރުގެ ހިތް ވެސް ލެއްވި އެވެ. ނަމަވެސް އެ ދެ މީހުން ހަފްތާތަކެއް ފަހުން ވަނީ މަރުވެފަ އެވެ.