ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3.1 މިލިޔަން ގަސް އިންދުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ މިހާތަނަށް ހަތަރުލައްކައެއްހައި ގަސް އިންދާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަތަރުއަހަރުގެ ތެރޭގައި ފަސްމިލިޔަނަށްވުރެ ގިނަ ގަސް އިންދޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމަށްވާ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި އިންދަނީ ރާއްޖެއިން މަދުން ފެންނަ އެކި ބާވަތުގެ ގަސްގަހާގެއްސާއި ހިޔާ ލިބޭ ގަސްގަހާގެއްސެވެ. އަދި އެކި ބާވަތުގެ ކާނާ ލިބޭ ޖުމްލަ 90 ބާވަތެއްގެ ގަސް އިންދުމަށް ކަނޑައަޅުއްވާފައިވެއެވެ.
މާލެއާއެކު އަތޮޅުތަކުގައިވެސް ވަނީ ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.



