ކުރީގެ ސަރުކާރުން ގަސްތުގައި ގޯސްކޮށް ބަޖެޓު ތައްޔާރުކޮށް އެ ފާސްކޮށްފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ބަޖެޓު ތައްޔާރުކުރުމުގައި ދެ މައްސަލައެއް ފާހަގަކުރެވުނެވެ.. އޭގެ ތެރޭގައި، ޖެހިގެން އަންނަ އަހަރުގެ ޑައިރެކްޓް ޑިސްބަރސްމަންޓްގެ ގޮތުގައި ވަކި ވަރެއް ހިނގާނެކަމަށް އަންދާޒާކުރެވޭއިރު، ބަޖެޓުގައި އެކަމަށް ޖަހާފައިވާ އަދަދު ވިދިވިދިގެން އަހަރުތަކެއްގައި ކުޑަކޮށް ބަޔާންކޮށް ފާސްކޮށްފައިވާކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކަންފަރމޭޝަން ލިބުމަށް ނަގާ މުއްދަތުގެ ނާޖާއިޒު ބޭނުންކޮށް، ޑިސްބަރސްމަންޓް ކޯޑުން ބަޖެޓު އުނިކޮށްގެން އެހެން ޚަރަދުތައް ކުރުމަށްފަހު، ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅައިގެން މަތި އޮމާންކުރުމުގެ ތެރެއިން ލިބިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ނުވަތަ އޮޅުވާލުމަށް ކޮށްފައިވާ ކަމެއްގެ ސިފަ ފެންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުންގެ ފައިސާއިން ކުރާ ހޭދަތަކާއި، ރައްޔިތުންގެ ނަމުގައި ނަގާ ދަރަނީގެ ހިސާބުތައް ގަސްތުގައި އޮޅުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މެނުވީ ބަލައިގަނެވެން ނެތް ކަމެއް ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ޤާނޫނުއަސާސީއާ ވެސް ޚިލާފަށް ކަންކަން ހިނގާފައިވާ ކަމުގެ ޝައްކު އެކުލެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓަކީ ދައުލަތް ހިނގާނެ ގޮތުގެ ރޭވުމާއި ގުޅޭ މަސްދަރު ކަމަށާއި، ދެފުށް ފެންނަ ގޮތަށް، އަދި ދައުލަތުގެ ފިސްކަލް އެކައުންޓްސް ތެދުވެރިކަމާއެކު އިޢުލާނު ކުރެވޭނެ ފަދަ ގޮތަށް ބަޖެޓު ހެދުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.



