ސިޔާސީ މަގާމުތަކުގެ އަދަދު ފޮރުވުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ގޮތާއި މަސައްކަތް ތަރުތީބުވެފައިވާ ގޮތް އެނގިވަޑައިގަންނަވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި، ނަމަވެސް މިހާތަނަށް މި ސަރުކާރުގެ އެ ތަފްސީލުތައް ހާމައެއް ނުކުރާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން 228 ސިޔާސީ މަގާމު ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި މަދު ކުރުމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަޅާފައި ވަ ވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދުތައް މަދު ކުރުމަށް ރައްޔިތުން ވެސް ބޭނުންވާކަމަށެވެ. އަދި ގައުމަށް ބޭނުންވަނީ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން ދައްކަވާ ވާހަކަ އަޑުއަހާ ރައްޔިތުންނާއިއެކުގައި މަސައްކަތް ކުރާނެ ވެރިއެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ބޮޑު ނިންމެވުމެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މީގެ ކުރީގައި އެއްވެސް ސަރުކާރަކަށް އެ ފިޔަވަޅު އަޅަން ނުކެރުނު ކަމަށެވެ. އަދި ވޭޕްގެ މައްސަލަ ބޮޑުވެފައިވާތާ އެތައް ޒަމާނެއްވެފައިވާ ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ހުއްޓުވައިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



