މިދިޔަ ސަރުކާރުން ކޮށްފައިވާ އަސްލު ޚަރަދުތައް އެނގެން ނެތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުގެ ފަހު 3 އަހަރުގައި އެފަދަ ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައި އެބަހުއްޓެވެ.
އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ މި އަޑިނޭނގޭ ޚަރަދުގެ ކަންތައްތައް ފަޅާއެރީ މިނިސްޓްރީން ހަދާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“މިނިސްޓްރީ އޮފް ފިނޭންސްއިން އަހަރުތަކެއް ވަންދެން ކޮންމެ ހަފްތާއަކު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައީ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ގެ ނަމުގައި ދައުލަތުގެ އާމްދަނީ އާއި ޚަރަދުބަރަދުތައް ޤަވާއިދުން އިޢުލާންކުރަމުން... މި މަސައްކަތުގެ ތެރެއިން ފާހަގަވެގެން އައިސްފައިވަނީ، ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް" ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތެދުވެރިކަމާއެކު، އިތުބާރުހިފޭ، ދެފުށް ފެންނަ ގޮތަކަށް ޚަރަދުތައް ރެކޯޑްކޮށް އިޢުލާންކުރުމަކީ ޤައުމުގެ މާލީ މަސްލަހަތާއި، ޑޮމެސްޓިކް އަދި އެކްސްޓަރނަލް ކްރެޑިޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން، މިނިސްޓްރީން ވަނީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މަޑުޖައްސާލާފައެވެ. އަދި ޤައުމުގެ ފިސްކަލް އެކައުންޓްސްއަކީ ތެދުވެރި މަޢުލޫމާތު އެކުލެވޭ ރިޕޯޓަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެމްޑީޕީ ސަރުކާރުން ކޮށްފައިވާ “ބޮޑު ވައްކަމަކަށް ސިފަކުރެވޭ ކަހަލަ ސީރިއަސް މައްސަލައެއްގެ ވާހަކަވެސް ހިއްސާ ކުރައްވާފައެވެ. މިގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި ފަންޑަޑް ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރިކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފާހަގަކުރެވުނު އެއް މައްސަލައަކީ ނިމިގޮސްފައިވާ އަހަރުގެ ފަންޑަޑް ޕްރޮޖެކްޓްތަކާ ގުޅޭ ޑިސްބަރސްމަންޓްތައް ހިނގަމުންދާ އަހަރުގައި ރެކޯޑްކުރުން. މިގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި ފަންޑަޑް ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރިކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވިފައިވޭ" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ދައުލަތުގެ ފައިސާތައް ބެލެހެއްޓުމުގައި މައިގަނޑު 3 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާ އެމައްސަލަތަކާ ގުޅޭގޮތުން ކުރިއަށް ދާނެ ގޮތުގެ ލަފައަށް އޮޑިޓަރ ޖެނެރަލް އަރިހުގައި ލިޔުމުން އެދިފައިވާކަމަށާއި، އަދި ބަންޑާރަ ނައިބުގެ ލަފާއާއި އެއްގޮތަށް އެކަމުގައި ޢަމަލުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފަންޑަޑް ޕްރޮޖެކްޓްތަކަކީ ދައުލަތުގެ ދަރަނި، ކޮންމެ ޑިސްބަރސްމަންޓަކާ އެކީ އިތުރުވުމުގެ ފުރުސަތު އޮންނަ ކަމެއްކަމުން، ޤަވާއިދުން އެ އަދަދު ރައްޔިތުންނަށް ހާމަކުރުމަކީ މުހިންމު ކަމެއް,… ނަމަވެސް، މިނިސްޓްރީގައި މިފަދަ ޑައިރެކްޓް ޑިސްބަރސްމަންޓްތައް ރިކޯޑުކުރަމުން އައިސްފައިވާ އުސޫލުގެ ސަބަބުން، އެ ޚަރަދެއް ހިނގާފައިވާ އަހަރު ނޫން އެހެން އަހަރުތަކުގައި ދަނީ ރެކޯޑްކުރަމުން.. އަދި މިދިޔަ ރިޔާސީ ދައުރުގައި މިކަން ވަނީ ބަޖެޓު މެނޭޖުކޮށް ސަޕްލިމަންޓް ކުރާ ގޮތާވެސް ގުޅުވާފައި…މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގާފައިވާ ޚަރަދަށް މި އަހަރުގެ ޖަނަވަރީ މަހުގައި އެތައް ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުން ރެކޯޑްކޮށް، ދައުލަތުގެ ފިސްކަލް އެކައުންޓްސް އޮޅުވާލާކަށް ނުޖެހޭނެ," ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަތަކާ ގުޅިގެން އިތުރު ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ މާލީ ހިސާބުތައް ޤާނޫނާ އެއްގޮތަށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



