މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި ސަމިޓަކީ އެ ޖަމްއިއްޔާގެ މެމްބަރުންނާއި ބައިނަލްއަގުވާމީ ބައިވެރިން ގުޅިގެން ބާއްވާ ސަމިޓެކެވެ.
"ޑިސްކަވަރ އެންޑް ގްރޯ" ގެ ނަމުގައި ބާއްވާ މި ސަމިޓް އޮންނާނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޯޑިޓޯރިއަމްގައެވެ. މި ސަމިޓުގެ މައިގަނޑު މަގުސަދަކީ ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމާއި މުވާސަލާތުކުރުމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމެވެ.
އެމްޕީއެސްއޭ އިން މަޢުލޫމާތު ދިންގޮތުގައި، މި ސަމިޓަކީ އެ ޖަމްއިއްޔާގެ މެމްބަރުންނަށާއި ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ސަމިޓެކެވެ. އަދި ވާހަކަދެއްކުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ މަޢުލޫމާތާއި ޚިޔާލު ބަދަލުކުރެވޭނެ މުހިންމު ފުރުސަތެއް ކަމުގައިވެސް ފާހަގަކުރިއެވެ.
މި ސަމިޓުގައި ޕްރޮފެޝަނަލް ސްޕީކިން ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ކީނޯޓް ސްޕީޗްތަކާއި މާސްޓަރ ކްލާސްތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެއެވެ. މި މަޢުލޫމާތުތަކުގެ އަލީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވާހަކަދެއްކުންތެރިއަކަށް ވުމަށާއި އެ ދާއިރާއިން ތަޖުރިބާކާރަކަށް ވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެސްއޭ އިން ބުންޏެވެ.
އެމްޕީއެސްއޭގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ، "މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސަމިޓް. ކޮމިއުނިކޭޝަންގެ ހުނަރުތައް ތަރައްގީކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު މި ވަނީ ހުޅުވާލާފަ. މި ސަމިޓްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާ ބައްދަލުވުމުގެ ފުރުސަތު ލިބިގެން ދިއުން."
ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓަރ ކުރުމަށް ޚާއްޞަ ލިންކެއް އެމްޕީއެސްއޭ އިން ވަނީ އާންމުކޮށްފައެވެ. އެ ޖަމްއިއްޔާގެ މެމްބަރުން ސަމިޓުގައި ބައިވެރިވުމަށް 1250 ރުފިޔާގެ ފީއެއް ދައްކަން ޖެހޭއިރު، މެމްބަރުން ނޫން ފަރާތްތަކުން 1500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
އެމްޕީއެސްއޭ އަކީ ޕްރޮފެޝަނަލް ސްޕީކިންއަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މިހާރުވެސް ދަނީ ޕްރޮފެޝަނަލް ސްޕީކިންއާ ބެހޭ ސެޝަންތައް ބާއްވަމުންނެވެ. މި ސަމިޓުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ޖަމިއްޔާގެ އިތުރު ހަރަކާތްތައް ރާވާފައިވާ ކަމަށް އެ ޖަމްއިއްޔާއިން މަޢުލޫމާތު ދިނެވެ. .



