ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ގޮވާލައިފިއެވެ.
މަޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އީޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ކިޔައި، އެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތާޢީދުކުރާ ކަމަށް ބުނެފައެވެ. މަޓީ އިން ބުނީ ގާ ހުދުވުމުގެ މައްސަލައަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ސީރިއަސް މައްސަލަކަމަށް މާހިރުން ބުނާކަމަށެވެ. ނަމަވެސް އީޕީއޭއިން އަޅަން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އަޅައިފިނަމަ ގާ ހުދުވުމުގެ މައްސަލަ ކުޑަކުރެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް މަޓީ އިން ބުންޏެވެ.
އީޕީއޭއިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުންދާ ކަމަށާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައިވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އީޕީއޭ އިން ވަނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތަކާއި، އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ. އެގޮތުން ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.
މަޓީ އިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ޙިއްސާދާރުންވެސް އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.



