ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް މަރުގެ އިންޒާރު ދީފައިވާތީ، އޭނާގެ ރައްކާތެރިކަމަށްޓަކައި ދެކުރޯޑް ރުޕީޒް (ގާތްގަނޑަކަށް 238،000 އެމެރިކާ ޑޮލަރު) އަގުހުރި ބުލެޓްޕްރޫފް ކާރެއް ގަންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ސަލްމާން ގަންނަން ނިންމާފައިވަނީ ބުލެޓްޕްރޫފް ނިސާން ޕެޓްރޯލް އެސްޔޫވީއެކެވެ. މި މޮޑެލްގެ ކާރު މިވަގުތު އިންޑިއާގައި ލިބެން ނެތުމުން، އެ ކާރު ދުބާއީން ގެންނަން ނިންމާފައިވާ ކަމަށާއި، އަވަހަށް އިންޑިއާއަށް ގެނައުމަށްޓަކައި ދެކުރޯޑް ރުޕީޒް ހޭދަކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ނިންމުން ނިންމާފައިވަނީ މުމްބާއީ ޓްރެފިކް ޕޮލިހަށް ލިބުނު މެސެޖެއްގައި ސަލްމާން 5 ކުރޯޑް ރުޕީޒް ނުދައްކައިފިނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. މި އިންޒާރު ދީފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ކަމަށާއި، ޖަލުގައި ހުރި ގޭންގްސްޓާ ލޯރެންސް ބިޝްނޯއީ އާއި ސަލްމާނާ ދެމެދު އޮތް ހަމަނުޖެހުމަށް ހައްލެއް ހޯދަން ބޭނުންނަމަ މި ފައިސާ ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މުމްބާއީ ފުލުހުން މިހާރު ވަނީ މި އިންޒާރު ސީރިއަސްކޮށް ބަލަން ފަށައި، މެސެޖް ފޮނުވި ފަރާތް ހޯދުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، މިދިޔަ މަހު ސަލްމާންގެ ބައްޕަ ސަލީމް ޚާންއަށް ދެ ޒުވާނުން އިންޒާރު ދިން މައްސަލަ ވެސް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



