ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް މިހާރު ކުރިއަށްދަނީ ލ. އަތޮޅުގައި ކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ އަތޮޅުގެ މަސައްކަތް ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިވަގުތު މި މަސައްކަތް ކުރަނީ ތިން ދާއިރާއަކުން ކަމަށެވެ. އެއީ ފަރުތަކާއި މުރަކައިގެ އަގު ކުރުމާއި، މޫދުވިނަ އަގު ކުރުމާއި، ކުޅި، ފާ އަދި ޗަސްބިން އަގުކުރުމުގެ މަސައްކަތެވެ.
"މި މަސައްކަތަކީ ވަރަށް މުހިންމު ކަމަކަށްވާތީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރީއްޔާ ވަނީ ނިންމަވާފައި. އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ނެޗުރަލް ކެޕިޓަލް އެކައުންޓިން މަސައްކަތް ކުރިއަށް ގެންދެވޭނެ," ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ދަނެގަނެވި، ރާއްޖެއަށް މާލީ މަންފާތަކެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



