ރާއްޖެއިން ބޭރަށް 10,000 އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ގެންދާނަމަ އެ ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ޤައުމުން ބޭރަށް ގެންދާ ހާލަތްތަކުގައި ޢަމަލުކުރާނެ ވަކި މިންގަނޑުތަކެއް ބައިނަލްއަޤްވާމީ އިދާރާތަކުން ކަނޑައަޅާފައިވާ ކަމަށާއި، އެ މިންގަނޑުތަކަށް ޢަމަލުކުރަން ރާއްޖޭގައިވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން 10,000 އަށްވުރެ ގިނަ ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރަށް ދާ މީހުންނާ މިހާރު ސުވާލުކުރަން ފަށާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށްދާނަމަ އެ ފައިސާ ހިފަހައްޓާ، ރަނގަޅަށް ޑިކްލެއާކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދީ ކޮންތާކުން އަދި ކިހިނެތްތޯ ސުވާލުކުރާނެ ކަމަށާއި އެއީ ތިމަންނަގެ ފައިސާކަން ސާބިތުކޮށްދެވެން ޖެހޭނެކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ޑިކްލެރޭޝަން ނިމޭނީ އެމީހާ ދައްކަނީ ޤާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ ބެލުމަށްފަހު ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދާއިރު ކަސްޓަމްސް އިން އެ ފައިސާ ޑިކްލެއާކުރަން ޖެހެއެވެ. ނަމަވެސް އިހުސާން ވިދާޅުވީ މި ސަރުކާރާ ޙަވާލުވިއިރު، ބައެއް ބިދޭސީން ރާއްޖެއިން ބޭރުވާއިރު 'ތިން-ހަތަރު ލައްކަ' ހިފައިގެންދާ ކަމަށެވެ. އެގޮތުން ފައިސާ ބޭރުކުރާ އުސޫލު ހަރުކަށިކުރުމުން ޤަވާއިދާ ޚިލާފަށް ބޮޑު އަދަދުން ފައިސާ ބޭރު ކުރުމުގެ މައްސަލައަށް ޙައްލު އަންނަކަމަށް އިހުސާން ވިދާޅުވިއެވެ.



