ބޭރު ފައިސާގެ ގަވާޢިދަށް ގެންނަ ބަދަލުގެ ސަބަބުން ބޭންކިންގ ނިޒާމް ހަރުދަނާ ވާނެ ކަމަށާއި، އައު ސިޔާސަތުގެ މަޤްޞަދަކީ ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާ އެކު ރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ބޭރު ފައިސާގެ ގަވާއިދަށް ފަހުގެ ބަދަލުތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި ބޭރު ފައިސާގެ އިންފްލޯގެ އެންމެ %23 ބޭންކިންގ ނިޒާމަށް ވަންނަމުންދާއިރު، އެކަމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅެއެވެ. އާ ގަވާއިދު ފަރުމާކޮށްފައިވަނީ ބޭންކިން ދާއިރާގައި ބޭރު ފައިސާގެ ދައުރުވުން އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ޑިމާންޑްތައް ފުއްދައިދިނުމަށް ލޯކަލް ބޭންކުތަކަށް ނުކުޅެދޭ ދަތިތައް ހައްލުކުރުމަށް ކަމަށް ވިދާޅުވިއެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ތަރައްގީތަކަށް ބޭރުގެ ބޭންކުތަކުން މިވަގުތު ފައިސާ ދީގެން ރާއްޖޭގެ ބޭންކިން ދާއިރާ މި ފުރުސަތުތަކުން މަހުރޫމްވެފައިވާ ކަމަށެވެ. އާ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުގެ އާމްދަނީ ދިވެހި ބޭންކުތަކަށް ޖަމާކޮށް، ނިޒާމުގެ ލިކުއިޑިޓީ ރަނގަޅުވެ، އިގްތިސާދަށް ފައިދާހުރި މަނީ މަލްޓިޕްލައިއާ އިފެކްޓެއް އުފެދިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ބޭންކިން ނިޒާމެއް މިގޮތަށް ކުރިއަށް ނާރާނެއޭ. ކޮންމެވެސް ވަރަކަށް މާރުވާން އެބަޖެހޭ. އޭރުން އަޅުގަނޑުމެން މިކިޔާ ބޭންކިން މަލްޓިޕްލަޔަރ ނުވަތަ މަނީ މަލްޓިޕްލަޔަރ އަންނާނީ. މިސާލަކަށް 500 ޑޮލަރު ބޭންކަށް މާރުކުރީމަ އެތަނުގައި ހުންނަނީއެއް ނޫން. އެ ދައުރުވާނީ. ބޭންކިން އިންޑަސްޓްރީވެސް ކުރިއަރައިގެންދާނީ މިގޮތަށް." ގަވަރުނަރު ވިދާޅުވިއެވެ.



