ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކް ޖުލައި މަހު ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއާއި ކ. ފުނަދޫގައި ޤާއިމްކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސަރވިސް ޒޯނުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީއާއި ދުބާއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށާއި އެ ބޭންކާއެކު ރާއްޖޭގެ ތާރީޚަށް އިންޤިލާބީ ބަދަލެއް ގެނެވޭނެ ކަމަށެވެ. ސައީދު ވިދާޅުވީ އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުގެވެސް ޙިއްސާ އޮންނާނެ ކަމަށެވެ. އަދި މިހާރުވެސް ބޭރުގެ ބައެއް އިންވެސްޓަރުން އެ މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ޖުލައި މަހުގެ ތެރޭގައި އެ ބޭންކް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެ ބޭންކް ވެގެންދާނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭ ބޭންކަކަށް ކަމަށެވެ.
ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް އެ ދާއިރާއިން ފުރުޞަތުތައް ތަނަވަސްކުރުމަށްޓަކައި 'މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ'ގެ ނަމުގައި މިދިޔަ ޖަނަވަރީ މަހު ވަނީ އިދާރާއެއް ވެސް އުފައްދާފައެވެ.



